ނެގްރޭރާ ކޭހުގެ މުއްދަތުގައި ބާސާއަށް ކޯޗުކަން ކޮށްދިން އެންރީކޭ ބޭނުންވަނީ ސިޓީއަށް އަދަބެއް ނުލިބި ސަލާމަތްވާން

ލުއިސް އެންރީކޭ، ބާސާއަށް އިރުޝާދުދިން މެޗެއްގެ ތެރެއިން-

އިނގިރޭސި ޕްރިމިއާ ލީގުން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުން ސަލާމަތްވެ، އެ ޓީމާ ދެކޮޅަށް ފިޔަވަޅު ނާޅާނެކަމަށް އުންމީދު ކުރާކަމަށް، ސްޕެއިންގެ ބާސެލޯނާ ބެދިފައިވާ ނެގްރޭރާ ކޭހުގެ މުއްދަތުގައި އެ ކުލަބަށް އިރުޝާދުދިން މެނޭޖަރެއް ކަމަށްވާ ލުއިސް އެންރީކޭ ބުނެފިއެވެ.

ފާއިތުވި ދެ ސީޒަނުގައި ޕެރިސް ސެއިންޓް ޖެމާން އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެންރީކޭ މިފަދައިން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ސިޓީއާ ދެކޮޅަށް އުފުލި ދައުވާތަށް ސާބިތުވާކަން އެނގުމުން ހައިރާންވި ކަމަށާއި ނަމަވެސް ދައުވާތަކާ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތަކަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށް އެންރީކޭ ބުންޏެވެ. އެންރީކޭ އިތުރަށް ބުނީ، މިކަން ކުރަން ބަޔަކު ކަނޑައަޅާފައިއެބަތިބި ކަމަށާއި އެފަރާތްތަކުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ގޮތް ނިންމާނެ ކަމަށެވެ. އެހެންކަމުން އެންމެ ފަހުގެ ނިންމުމަށް މަޑުކުރަން ޖެހޭކަން އެންރީކޭ ފާހަގަކުރިއެވެ.

އެންރީކޭ އިތުރަށް ބުނީ ފުޓްބޯޅައަށް ބަލައި، އެއްޗެއް ބުނާނަމަ ސިޓީން މިހާތަނަށް ހޯދި ކާމިޔާބީތައް އެޓީމަށް ހައްގު ކަމަށެވެ. އަދި ސިޓީން ކުޅޭ ކުޅުން އޭނާއަށް ވަރަށް ކަމުދާ ކަމަށްވެސް އެންރީކޭ ބުންޏެވެ. މީގެ އިތުރުން، މިރޭ ދަނޑުން ސިޓީގެ ކުރީގެ ކޯޗު އަދި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޕެޕް ގާޑިއޯލާއާ ދިމާވެއްޖެނަމަ އެކަމާ ގުޅޭގޮތުން ދައްކާނެ މާ ޚާއްސަ ވާހަކައެއް ނެތް ކަމަށާއި ދެމީހުންގެ ދެމެދު ދެކެވޭނީ އަމިއްލަ ވާހަކަތައް ކަމަށެވެ. އަދި ދަނޑުމަތިން ކާމިޔާބު ކުރާ މުބާރާތްތައް އެގޮތުގައި ދެމިއޮށްނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އުންމީދަކީ ސިޓީގެ މައްޗަށް ފިޔަވަޅު އެޅިގެން ނުދިއުން ކަމަށެވެ.

އެންރީކޭ މިފަދައިން ވާހަކަދައްކާފައިވާއިރު، އޭނާ އަކީ ފުޓުބޯޅައިގެ ތާރީޚުންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ ކޮރަޕްޝަނުގެ އެއް މައްސަލަ ކަމަށްވާ ނެގްރޭރާ މައްސަލައިގެ މުއްދަތުގައި ބާސާއަށް އިރުޝާދުދިން އެއް މެނޭޖަރެވެ. މި މައްސަލައަކީ، 1994 އިން 2018 ގެ ނިޔަލަށް ސްޕެއިންގެ ރެފްރީ ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުރި ހޯޒޭ މަރިއާ އެންރީކޭޒް ނެގްރޭރާއަށް، އޭނާގެ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބާސާއަށް މެޗު އޮފިޝަލުންނާ ގުޅޭ މައުލޫމާތާއި މެޗު ރިޕޯޓުތައް ފަދަ ތަކެތި ފޯރުކޮށްދީފައިވާކަމުގެ މައްސަލައެކެވެ.

މިކަމަށްޓަކައި 2001 އާއި 2018 އާ ދެމެދު ބާސާއިން ނެގްރޭރާއަށް 8-7 މިލިއަން ޔޫރޯ ދީފައިވާކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ. މިއީ ސިޓީ އާއި ދެކޮޅަށް ޕްރިމިއަރ ލީގުން އުފުލި ދައުވާތައް ސާބިތުވާކަމަށް ނިންމި ފަހުން ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.

comment ކޮމެންޓް