މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން، ސިފްކޯ ފުލެޓް މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ހައިކޯޓުން ނުދިން

ފުލުހުންނާއި ސިފައިންގެ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ސިފްކޯ ފުލެޓެއް ލިބިފައި ވަނިކޮށް ހިޔާ މަޝްރޫއުން ފްލެޓެއް ލިބި، އަދި ގޯއްޗެއް ވެސް ލިބުނު މީހެއްގެ އަތުން ނެގި ސިފްކޯ ފުލެޓް އެ މީހާ އާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމައިފިއެވެ.

ސިފްކޯއިން ހުށަހެޅި މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން މައްސަލަ ހުށަހެޅުމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދެނީ ޤާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ވަކި އުސޫލުތަކަކާއި މިންގަނޑުތަކަކަށް ބެލުމަށްފަހުގައެވެ.

އާންމުކޮށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދެން ޖެހެނީ އިސްތިއުނާފު ކުރުމަށް އޮންނަ ޤާނޫނީ މުއްދަތު (އާންމުކޮށް 30 ނުވަތަ 60 ދުވަސް) ހަމަވުމަށްފަހު އިސްތިއުނާފު ކުރަން ބޭނުންވާ ޙާލަތްތަކުގައެވެ.

މި މައްސަލަ އިސްތިއުނާފު ކުރުން ލަސްވެފައި ވަނީ، ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ކަމަށް ސިފްކޯއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުވާކުރާ މ. ހިރިނައިދޫ/ އަލީ ވަހީދަށް ފުލެޓް ލިބޭކަމަށް ސިފްކޯއިން އެންގީ އޮކްޓޯބަރު 11، 2014 ގައެވެ. އޭގެ ފަހުން ޑައުންޕޭމަންޓްގެ ގޮތުގައި އޭނާ 91،200 ރުފިޔާ ވެސް ދައްކާފައި އޮއްވައި އަދި އޭނާއަށް ލިބޭ ފުލެޓް ވެސް ސެޕްޓެމްބަރު 14، 2023 ގައި ކަނޑައަޅާފައި ވަނިކޮށް، އޭނާގެ އަތުން ފުލެޓް ވަނީ ނަގައިފައެވެ.

އަލީ ވަހީދުގެ އަތުން ފުލެޓް ނަގާފައި ވަނީ އެހެން ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް ބުނެއެވެ.

އެހެންވެ އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކުރިއިރު ފްލެޓް ދޫކުރުމުގެ އުސޫލުގައި ނެތް ޝަރުތެއް އޭނާގެ މައްޗަށް ކުރިމަތިކުރުވައި، ފުލެޓް ނުލިބޭނެ ކަމަށް ސިފްކޯއިން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމާއި އެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

ސިފްކޯއިން ބުނީ، އަލީ ވަހީދަށް ފުލެޓް ލިބޭކަން އަންގާފައި ވަނީ ޝަރުތު ހަމަވާކަމަށް ބަލައިގެން ކަމަށާއި، ނަމަވެސް އޭނާގެ ނަމުގައި ހިޔާ ފްލެޓަކާއި، އޭނާ އާއި އިތުރު ހަތަރު ފަރާތެއްގެ ނަމުގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގޭތީ އަލީ ވަހީދުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް ލިބިފައިވާ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭރު ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.

މި މައްސަލައިގައި އަލީ ވަހީދަށް ހިޔާ ފުލެޓުން އެޕާޓްމަންޓެއް ލިބުނީ ސިފްކޯއަށް މައުލޫމާތު ނުދީ އޮތުމުން ކަމަށް ވެސް، ސިފްކޯއިން ބުނެފައިވެއެވެ.

comment ކޮމެންޓް