މި މަހުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު، ސްކޭމްތައް ރިޕޯޓުކުރި އަދަދު މަދުވިއިރު، ގެއްލުނު ފައިސާ ފަސް ލައްކައަށް ވުރެ އިތުރުވެއްޖެއެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ސްކޭމްގެ 53 މައްސަލައެއްގައި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނެވެ. އެ މުއްދަތުގައި ހޯދުނީ، 269،631.27 ރުފިޔާއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމްތައް ރިޕޯޓުކުރި މިންވަރު ވަނީ 37އަށް ދަށްވެފައެވެ.
އެކަމަކު، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު ވަނީ ފަސް ލައްކައަށް ވުރެ އިތުރުވެފައެވެ. އެ ފައިސާގެ ތެރެއިން، ފުލުހުންނަށް ހޯދިފައި ވަނީ 341،692 ރުފިޔާއެވެ.

ސްކޭމްތަކާ ގުޅޭ ގޮތުން މީހަކު ހޭލުންތެރި ކުރަނީ -- ފޮޓޯ/ ފުލުހުން
ފުލުހުން ބުނި ގޮތުގައި، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، އީ ކޮމާސްގެ ސްކޭމްތަކެވެ. އެ ބާވަތުގެ 15 މައްސަލައެއް ފުލުހުންނަށް ހުށަހެޅިއިރު، ދެން އެންމެ ގިނައިން ހުށަހެޅީ ފައިސާ މާރުކުރުމުގެ މައްސަލަތެކެވެ. އެ ފަދަ އަށް މައްސަލައެއް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން، އެހެން މީހަކަށް ހެދިގެން އޮޅުވާލުމުގެ ތިން މައްސަލައާއި ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ ތިން މައްސަލައާއި އެހެނިހެން ހަތަރު ބާވަތެއްގެ ސްކޭމެއް މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހެޅިއެވެ.
ސްކޭމް ކުރަން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި އައިބޭގެ އިތުރުން، ފިޝިން ލިންކްތަކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ފުލުހުން އަންނަނީ ސްކޭމްތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުންނެވެ.
އެގޮތުން، ކާކުކަން ނޭނގޭ ބަޔަކަށް ކުރިއާލާ ފައިސާ ނުފޮނުވައި، އޮންލައިންކޮށް ކުރާ މުއާމަލާތް ފުރިހަމަވުމުން ފައިސާ ދެއްކުމަށް އިރުޝާދު ދީފައިވެއެވެ. އަދި، ފައިސާ ބަދަލުކުރާނަމަ އަބަދުވެސް ރަސްމީ ބޭންކު ނުވަތަ ލައިސަންސް އޮތް އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން އެދިފައިވެއެވެ.