އެޕުން މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ޓެކްސީއެއް: ޓެކްސީ އެޕުން މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެމްޓީސީސީން ބުނޭ -- ފޮޓޯ/ އެމްޓީސީސީ

ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަނުން މައުލޫމާތުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގައި ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، ޚިދުމަތް މުޅިން މެދުކެނޑިފައިވެއެވެ. އެއަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމުންގެ ނަމާއި، ފޯނު ނަންބަރާއި، ވޮލެޓު އައިޑީގެ އިތުރުން އީމެއިލް އެޑްރެސް ހިމެނުނެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެޕްލިކޭޝަން ހެކްކޮށްފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކުންފުނިން ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނެސް، މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްލީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

https://sun.mv/226096

މުވައްޒަފުގެ ނަން ހާމަނުކޮށް، އެމްޓީސީސީން ބުނީ، އެ މުވައްޒަފު އެ މައުލޫމާތުތައް ލީކުކޮށްލާފައި ވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ، ސިޔާސީ މަގުސަދެއް ހާސުލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭނާ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އިއްޔެ ބުންޏެވެ.

މިއަދު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެމްޓީސީސީން ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ކާރުތައް: އެ ޓެކްސީ ލައިންގެ އެޕް ހެކްކުރި ކަމަށް ބުނާ ތުހުމަތުތައް އެމްޓީސީސީން ދޮގުކުރޭ --- ފޮޓޯ: އެމްޓީސީސީ

އެ ކުންފުނިން ވަނީ، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

"ދިވެހި ސަރުކާރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، އަދި ވިޔަފާރީގެ އެންމެހައި ބައިވެރިން މި ކުންފުންޏަށް ކުރައްވަމުން ތިޔަ ގެންދަވާ އިތުބާރަށް ފަށްފަށުން ޝުކުރު ދަންވަމެވެ." އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން ވަނީ، ޓެކްސީ ޚިދުމަތް ފެށިފަހުން އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށް، އެ ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ އަގުގައި ލުއިފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ބުނެފައެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން "މާލެ ޓެކްސީ ލައިން" ތައާރަފުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. ނަމަވެސް ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާ ގުޅުން ހުރި ޝަކުވާތައް އިތުރުވެފައި ވަނިކޮށް، ރަސްމީކޮށް އެޕްލިކޭޝަން ލޯންޗުކުރީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

އެމްޓީސީސީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި 150 އިލެކްޓްރިކް އުޅަނދާއެކު ފެށި މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނި ވެސް 13،000 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ޓެކްސީ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ.

comment ކޮމެންޓް