ބޭންކިންގެ އިސް މަގާމުތަކުގައި ދިވެހީން 80 ޕަސެންޓަށްވުރެ އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރު މިރޭ ވާހަކަދައްކަވަނީ: ބޭންކިންގެ އިސް މަގާމުތަކުގައި 80 ޕަސެންޓާ ހަމައަށް ދިވެހިން އިތުރުކުރަން އަމާޒު ހިފާފައިވާ ވަނީ ހާމަކުރައްވާފައި --- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހީންގެ ނިސްބަތް 80 ޕަސެންޓަށް ވުރެ އިތުރުކުރުމަށް މަރުކަޒީ ބެންކު (އެމްއެމްއޭ)އިން އަމާޒު ހިފާފައިވާކަން ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕްރިމިއާ ބެންކު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބެންކިން ދާއިރާގެ މެނޭޖުމަންޓު މަގާމުތައް އަދާކުރާ ބޭރު މީހުންގެ އަދަދު 40 އިންސައްތައަށް އަރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިން ކަމަށް ހެދުން،" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު މުނައްވަރާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެ ކަން ހާސިލުކުރުމަށްޓަކައި، ޒުވާނުން ބިނާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި، ގަވަރުނަރު ވަނީ އެ މަގުސަދުގައި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އިއުލާނުކުރައްވާފައެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ގަވަރުނަރު ވަނީ މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، މި ގައުމުގެ ބެންކިން ދާއިރާއަކީ ފައިދާ ބޮޑު ދާއިރާއެއް ކަމަށާއި މިިދިޔަ އަހަރު އެކަނި ވެސް ޓެކުހުގެ ކުރިން ބެންކުތަކަށް ލިބުނު ފައިދާ 5.15 ބިލިއަން ރުފިޔާއަށް އަރާފައިވާކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

މިރޭ އޮތް ޖަލްސާގައި މުނައްވަރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ފަސް އަހަރު ބެންކިން ދާއިރާގެ ފައިދާއިން 200 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އެ ފައިސާ ރާއްޖޭގެ އިގުތިޞާދުގައި ހިފެހެއްޓުމަށް ގިނަ ދިވެހީން މި ދާއިރާއަށް ނިކުމެ، އިންވެސްޓުކުރަން ޖެހޭ ކަމަށާއި ދިވެހި ބެންކުތައް ވަރުގަދަކުރަން ޖެހޭ ކަމަށް މުނައްވަރު ގަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޕްރިމިއާ ބޭންކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. އަދި، ބޭނުން ވަނީ ބައިނަލްއަގުވާމީ ބޭންކުތަކާއެކު، ދިވެހި ބެންކުތައް ވެސް ކުރިއެރުމާއި ހަރުދަނާ މާލީ ނިޒާމެއް ގާއިމުވުންކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް