ރިސޯޓްތަކުގެ ޑޮލަރު އާމްދަނީން 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށް އޮތް ނުރައްކަލެއް: ނަޝީދު

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ރިސޯޓްތަކުގެ ޑޮލަރު އާމްދަނީން 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށް އޮތް ނުރައްކަލެއް ކަމަށް--- ސަން ފޮޓޯ: އަޙްމަދު އިޔާދު

ރިސޯޓްތަކަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަން ނުވަތަ މާރުކުރަން މަޖުބޫރުކުރުމަކީ، އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ބޮޑު އިންސައްތައެއް ދައުލަތަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގުތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއްކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ސަން ފޮޓޯ: ޝާތިއު

އަދި އެކަމުގެ ސަބަބަކީ ގިނަ ރިސޯޓްތަކަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަނަށް ވާތީކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ގިނަ ރިސޯޓްތަކަކީ ބޭންކު ލޯނު މެދުވެރިކޮށް ބޮޑުބައެއް ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓްތައް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވެސް ވާދަވެރި ރަނގަޅު ފައިދާއެއް ލިބޭތީ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"ރިސޯޓްތަކަށް ލިބޭ ޔޫއެސް ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭ އަށް މާރުކުރަން މަޖުބޫރުކުރުމަކީ، އިގުތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް. ގިނަ ރިސޯޓްތަކަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަން," ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އިންވެސްޓަރުންނަށް އޮތް މިފަދަ ހިތްވަރު ގެއްލުވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިގު މުއްދަތުގެ ހަމަޖެހުމަށާއި އިންވެސްޓަރުންގެ އިތުބާރަށް އެޅޭ ނޭދެވޭ ހިޔަންޏެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވާދަވެރި ރަނގަޅު ފައިދާއެއް ލިބޭތީ. އެ ހިތްވަރު ގެއްލުވައިލުމަކީ، އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް," ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

https://sun.mv/226459

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނިކޮށެވެ.

ތިން ވަޒީރަކާ އެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން، ކޮންމެ އެއް މަސް ދުވަހުން މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިރާނު ހަނގުރާމައާ ގުޅިގެން ޑޮލަރުގެ މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި އަގުގެ މައްސަލައިގެ ފަހަތުގައި ވަނީ ސްޕެކިއުލޭޝަން ނޫނީ ބަޔަކު ރޭޓުތައް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.

https://sun.mv/226478

ގަވަރުނަރުގެ މިވާހަފުޅާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައި ބަޔާނެއް ވެސް ނެފައެވެ.

މަޓީން ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށެވެ.

މަޓީން ބޭއްވި އޭޖީއެމްއެއްގެ ތެރެއިން: ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަކީ ރިސޯޓުތަކަށް ތަަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަޓީން ބުނެފައިވޭ -- ފޮޓޯ/ މަޓީ

އެ ޖަމިއްޔާގެ ބަޔާނުގައި ބުނީ ​ފައިސާ މާރުކުރުމުގެ ޝަރުތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރުމަށް މަޓީއަށް ދަޢުވަތު ދިންކަމަށާއި އެ ބައްދަލުވުމުގައި އެމްއެމްއޭއިން ހުށަހެޅީ މިހާރު އޮތް، ފަތުރުވެރިއަކަށް 500 ޔޫއެސް ޑޮލަރު މާރުކުރުމުގެ އިޚްތިޔާރު އުވާލައި، ކެޓަގަރީ އޭ ގެ ހުރިހާ ތަނަކުން އެއް ހަމައަކުން 20 އިންސައްތަ މާރުކުރުމަށްކަމަށެވެ.

​އެ ކަންކަން އެހެން ހުރުމާއެކު، ބައްދަލުވުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ، އިތުރު ސަތޭކަ އިންސައްތައިގެ ބޮޑުވުމަކާއެކު، ފައިސާ މާރުކުރަން ޖެހޭ ނިސްބަތް 40 އިންސައްތައަށް ހެދުމަށް ހުށަހެޅުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޓީން ބުންޏެވެ.

comment ކޮމެންޓް