ދައުލަތަށް ނެގި ކުއްޖާގެ މައްސަލައިގައި ދޮގު ވާހަކަ ފަތުރައި، ސީއީއޯއަށް އިންޒާރު އެބަ ދޭ: ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ: ދައުލަތަށް ނެގި ކުއްޖާގެ މައްސަލައިގައި ދޮގު ވާހަކަ ފަތުރައި، ސީއީއޯއަށް އިންޒާރު ދެމުން އަންނަ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނޭ -- ފޮޓޯ/ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

އުފަންވުމާއެކު ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ބުނާ މައްސަލައިގައި ސޯޝަލް މީޑިއާގައި ސައްހަ ނޫން ވާހަކަތައް ފަތުރައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީއަށް އިންޒާރު ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ތުހުމަތުކޮށްފިއެވެ.

މިދިޔަ ހަފުތާގައި، ތުއްތު ކުއްޖަކު ދައުލަތަށް ނެގި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، މަންމައަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ މަންމަ އާ ހަވާލާދީ، ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުތަކުގައި ވަނީ، ދައުލަތަށް ދަރިފުޅު ނެގީ، އޭނާގެ ނުކުޅެދުންތެރިކަމެއް ހުންނާތީއާއި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ.

މީގެއިތުރުން، އޭނާގެ ނުރުހުމުގައި އެހެން އާއިލާއަކާ ދަރިފުޅު ހަވާލުކުރަން ފެމިލީ މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://sun.mv/225951

އެ މައްސަލައާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން ނަގައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި މައުލޫމާތު ދައުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން، ސޯޝަލް މީޑިއާގައި އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި އެއީ އެ މައްސަލައިގެ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ބަޔަކު ކުރާ މަސައްކަތްތަކެއް ކަމުގައި ހޮސްޕިޓަލުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

"ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އަސާސީ ހައްގުތަކަކަށް އަރައިގަނެފައިވާ ކަމަށް ކުރެވޭ މިފަދަ ނާޒުކު ތުހުމަތުތަކަކީީ ހަމައެކަނި ގާނޫނީ އަދި ތަހުގީގީ އިދާރާތަކުގެ ތެރެއިން ބަލައި ހައްލު ކުރަން ޖެހޭ ކަންކަމެވެ." ނޫސްބަޔާނުގައިވެއެވެ.

އެހެންވެ، އެފަދަ ކަންކަމުގައި އަމިއްލަ ލަފާތަކާއި، ދޮގު މައުލޫމާތާއި، ސޯޝަލް މީޑިއާގައި ހިންގާ ހަރަކާތްތަކުން ދުރުހެލި ވުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ ހާދިސާއާ ގުޅުވައިގެން ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާއަށް އަމާޒުކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުދީ، ބަދުބަސް ބުނެ، ނޭދެވޭ އަދި ބޭއަދަބީ މެސެޖުތައް ފޮނުވަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން އޭނާ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުތަކެއް ވެސް ކުރާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

"އަދި ސީއީއޯއަށް އަމާޒުކޮށް އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުމާއި ބިރު ދެއްކުމާއި ފުރައްސާރަކުރުމާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި ދޮގު ތުހުމަތުތައް ކުރާ ކުރުން މި ހޮސްޕިޓަލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އިންޒާރުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އެ މައްސަލަ ބަލަމުން އަންނާތީ، ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް އެ ކޮމިޝަނަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ނޫސް ބަޔާން ނިންމާލައިފައިވަނީ، އިންޓަނެޓާއި ސޯޝަލް މީޑިއާގައި ދައުރުވާ އަސްލެއް ނެތް އަޑުތަކާއި ސާބިތުނުހިފޭ ވާހަކަތަކަށް ބުރަނުވެ، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކުރަމުންނެވެ.

އެ މައްސަލައިގައި ފެމިލީ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ނަގާނީ، އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާއަށް ވެސް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާއާ ހަވާލާދީ މިނިސްޓްރީން ވަނީ، ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަންދޭން ވާނީ އެ ކުއްޖާގެ މަސްލަހަތަށް ކަމަށް ބުނެފައެވެ.

https://sun.mv/225951

ފާހަގަކޮށްލެވޭ ގޮތުގައި، އެޗްއާރުސީއެމުން އެ މައްސަލަ ބަލަމުން އަންނައިރު، އިއްޔެ އެ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ހައްގު ގެއްލުނު ކަމަށް ބުނާ މީހާގެ ފަރާތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެ ކޮމިޝަނުން ވަނީ މައްސަލައިގައި ހިމެނޭ ކުއްޖާއާއި ކުއްޖާގެ މަންނަގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް