ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކަރަންޓު ދިނުމަށް ފަހު، ދޮޅު ގަޑިއިރު ފަހުން އަލުން ޖަލްސާ ފަށައިފިއެވެ.
ޖަލްސާ ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑި، ޖަލްސާ މެދުކަނޑައިލީ ހެނދުނު 11:20 ހާއިރެވެ.
'ސަން' އާ ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު އޭރު ވިދާޅުވީ، މަޖިލީހުގެ އިމާރާތުގެ ތެރެއިން ކަރަންޓު ކެނޑުނީ ތަޅުމުން އެކަނި ކަމަށެވެ.
ކަރަންޓު ލިބުނުހާ އަވަހަށް ޖަލްސާ ކުރިއަށް ދާނެ ކަމަށް، ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މެންދުރުފަހު އެކެއް ޖަހާއިރު ޖަލްސާ އަލުން ފެށޭ ވަރު ވާނެ ކަމަށެވެ. ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބެއް ނޭނގޭ ކަމަށް، މަޖިލީހުގެ އިދާރާއިން އޭރު ބުންޏެވެ.
މިއަދު އެކެއް ޖެހިއިރު ޖަލްސާ ވަނީ އަލުން ފަށައިފައެވެ.
ޖަލްސާ ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑުނު ވަގުތު "މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން ޕްރޮގުރާމެއް ހިންގަން ފަށާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމު ހުއްޓާލައި އެ ޕްރޮގުރާމާ ގުޅޭ އެންމެހައި އެއްބަސްވުންތައް ދެ ހަފުތާގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގޮވައިލި ގަރާރަށް ދިޔައީ ބަހުސްކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ހުރި އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހަށް ބަހުސްކުރުމާއި ކޮމިޓީތަކުން ނިންމައިފައިވާ ބައެއް މަސައްކަތްތައް ފާސްކުރުން ހިމެނެއެވެ.
އޭގެ ތެރޭގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި އިސްލާހާއި ރާއްޖެއަށް ކުނި އެތެރެކުރުން މަނާ ކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.