ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ޓަކައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި އިސްލާހު ފާސްވީ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި ބޭނުމެއް ކަމަށް ވަނީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ގާނޫނުން ކަނޑައަޅައި، ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން ތަފާތު ބާވަތްތަކުގެ ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖާކޮށް، ގާނޫނު ތަންފީޒުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.
އެގޮތުން މި ބިލުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުން ހިމެނެއެވެ. އެހެން ހެދުމުން ހޯލް ސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ނަގާކަށް ނުޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތަށް 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގައި ހިމަނާފައިވެއެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421 ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.