އީރާނަށް ހަމަލާ ދިނުމުގެ ބަދަލުގައި އިގުތިސާދީ ގޮތުން ޕްރެޝަރު ކުރަން އެމެރިކާއިން ރާވަނީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/އޭޕީ

އެމެރިކާއިން އީރާނަށް އާ އަސްކަރީ ހަމަލާއެއް ދިނުމުގެ ބަދަލުގައި، އެ ގައުމަށް އިގްތިސާދީ ގޮތުން ދޭ ޕްރެޝަރު ބޮޑުކުރުމަށް ރާވާފައިވާކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެކްސިއޯސްއިން ޓްރަމްޕާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަމުންދާއިރު، އީރާނުގެ އިގްތިސާދު ގޯސްވަމުންދާ ގޮތް ވަރަށް ގާތުން އެމެރިކާއިން ދަނީ ބަލަމުންނެވެ.

ޓްރަމްޕް ވަނީ، އީރާނުގައި ތަކެތީގެ އަގު އުފުލޭ ކަމާއި، އެ ގައުމުގައި ފައިސާ ނެތް ކަމަކީ އެންމެންނަށް އެނގޭ ހަގީގަތެއް ކަމަށެވެ. އަދި އީރާނު އޮތީ މާލީ ގޮތުން "ވަރަށް ގޯސް ހާލަތެއް" ކަމަށާއި އެ ގައުމުގެ ސިފައިންނަށް މުސާރަ ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑުގެ ސަބަބުން އީރާނުގެ ސަރުކާރަށް ޕްރެޝަރު ބޮޑުވެ، އިގްތިސާދީ ދަތިކަމަށް ހުށަހެޅިފައިވާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، ތެޔޮ ފީފާއެއްގެ އަގު 75 ޑޮލަރަށް ވުރެ ދަށްވުމުން އެމެރިކާ މީހުންނަށް މި ހަމަނުޖެހުންތަކުގެ އިގްތިސާދީ އަސަރު ވަނީ ލުއިވެފައެވެ.

މީގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ނުކުރާ ކަމަށާއި، ޖޫން މަހު ސޮއިކުރި ވަގުތީ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވާހާ ހިނދަކު އެ މަޝްވަރާތައް އީރާނުން ނުފަށާނެ ކަމަށެވެ.

ޖޫން 18 ވަނަ ދުވަހު އީރާނާއި އެމެރިކާއިން ވަނީ ޕާކިސްތާނާއި ގަތަރުގެ މެދުވެރިވެގެން އެއްބަސްވުމެއްގައި ސޮއިކޮށް، ހަނގުރާމަ ނިމުމަކަށް ގެނެސް އެންމެ ފަހުގެ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތައް ފަށާފައެވެ.

ފަހުން މަޝްވަރާތައް ހުއްޓުނީ ގަލްފުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމަށް މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަމާ ގުޅޭ މައްސަލަތަކާ ގުޅިގެންނެވެ.

މެދުއިރުމަތީގައި ހަމަނުޖެހުންތައް ބޮޑުވީ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ނިއުކްލިއާ އަދި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްގެން އަސްކަރީ ހަމަލާތަކެއް ދިނުމުންނެވެ.

އީރާނުން ވަނީ ހަމަލާތަަަކަށް ރައްދު ދިނުމުގެ ގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.

comment ކޮމެންޓް