ހުސްބަނޑާ ހުރެ ލޮނުމެދު ކެއުން: ބަލިތަކުން ދިފާއުވުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެއް

ލޮނުމެދަކީ ބަލިތަކުން ދިފާއުވުމުގެ ގާބިލުކަން އިތުރުކޮށްދިނުމުން ފެށިގެން ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ ބާވަތެއް--ފޮޓޯ/ހެލްތުލައިން

ރޯލޮނުމެދަކީ ޒަމާނުއްސުރެ ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ނަމަވެސް، ހުސްބަނޑާ ހުރެ ރޯލޮނުމެދު ކެއުމުން އޭގެ ސިއްހީ ފައިދާތައް އިތުރަށް ފުރިހަމަވާކަމަށް ގަބޫލުކުރެވެއެވެ.

ބަލިތަކުން ދިފާއުވުމުގެ ގާބިލުކަން އިތުރުކޮށްދިނުމުން ފެށިގެން ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދިނުމާ ހަމައަށް، ބަދިގޭގައި ބޭނުންކުރާ މި އާދައިގެ ބާވަތަކީ އާދަޔާ ހިލާފު ބާރުގަދަ އެއްޗެކެވެ.

އެހެންނަމަވެސް، މިއީ އެންމެންނާ ގުޅޭ އެއްޗަކަށް ނުވެދާނެ ކަމަށް އެމެރިކާގެ ވޮޝިންގްޓަންގައި ރެޖިސްޓަޑް ޑައިޓީޝަންގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ޖެރެޑް މީޝަމް ވިދާޅުވެއެވެ.

ރޯލޮނުމެދު ކެއުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމެކެވެ. މީގެ އިތުރުން، މިއީ ހަޖަމުކުރުމުގެ ނިޒާމަށް ލުއިކަން ލިބުމުގެ އިތުރުން ސިއްހީ އެތައް ފައިދާތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ.

ލޮނުމެދު ޗިސްކޮށްލުމުން ނުވަތަ ހަފާލުމުން އޭގައި އެކުލެވޭ 'އެލިސިން'ކިޔާ ބާރުގަދަ ސަލްފާ ކޮމްޕައުންޑެއް ބޭރުވެއެވެ. ހުސްބަނޑާ ހުރެ ކެއުމުން މި މާއްދާ ހަށިގަނޑަށް ނަގައިގަންނަ މިންވަރު އިތުރުވެ، ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް ފަދަ ޖަރާސީމުތަކާ ހަނގުރާމަކުރުމަށް ހަށިގަނޑަށް އެހީތެރިވެދެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކެއުމުގެ ކުރިން ލޮނުމެދު ކެއުމުން ހަޖަމުކުރުމުގެ ނިޒާމު "ހޭލައްވާލައި"، ކެއުން ހަޖަމުކުރުމަށް ފަސޭހަކޮށްދޭ--ފޮޓޯ/ހެލްތުލައިން

ގަވާއިދުން ރޯލޮނުމެދު ކެއުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ، އަރިދަފުސް ރޯގާ ފަދަ އާންމު ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެއް ކަމަށް ޑރ. ޖެރެޑް ވިދާޅުވެއެވެ.

ރޯލޮނުމެދު ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑަށް ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު މަދުކޮށްދޭ ކަމެކެވެ. މިއީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބެވެ.

އެކި ދިރާސާތަކުން ދައްކާގޮތުގައި ލޮނުމެދުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ، ލޭހޮޅިތަކުގައި އުފެދޭ ދުޅަހެޔޮނޫން އަސަރުތައް ކުޑަކޮށްދެއެވެ. ހުސްބަނޑާ ހުރެ ކެއުމުން އޭގައިވާ ފައިދާހުރި މާއްދާތައް އަވަހަށް ލޭގެ ތެރެއަށް ފޯރައި، ހިތުގެ ސިއްހަތަށް ކުރާ ފައިދާ އިތުރުވުމަށް މަގުފަހިކޮށްދެއެވެ.

ރޯލޮނުމެދުގެ ސަބަބުން ހަޖަމުކުރާ އެންޒައިމްތައް ހީވާގިވެ، ބަނޑު ފުއްޕުމާއި ބަނޑުހަރުވުން ފަދަ މައްސަލަތަކަށް ހައްލު ލިބެއެވެ. މީގެ އިތުރުން، އޭގައި ހުންނަ ގުދުރަތީ އެންޓި-ބެކްޓީރިއަލް ސިފަތަކުގެ ސަބަބުން ބަނޑުގެ ތެރޭގައިވާ ގެއްލުންދެނިވި ބެކްޓީރިއާތައް ނައްތާލުމަށް އެހީވެދެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކެއުމުގެ ކުރިން ލޮނުމެދު ކެއުމުން ހަޖަމުކުރުމުގެ ނިޒާމު "ހޭލައްވާލައި"، ކެއުން ހަޖަމުކުރުމަށް ފަސޭހަކޮށްދެއެވެ. ހަށިގަނޑުގައި ދިގުމުއްދަތަކަށް ދުޅަ ނުވަތަ 'އިންފްލެމޭޝަން' ހުރުމަކީ މުސްކުޅިވުމާއި އެކި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ލޮނުމެދުގައިވާ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ. މީގެ ސަބަބުން ހަންގަނޑު ރީތިވުމަށާއި، ހަށިގަނޑުގެ ހަކަތަ އިތުރުވުމަށް މަގުފަހިވެއެވެ.

ރޯލޮނުމެދު ހުހަށް ކެއުމުގެ ބަދަލުގައި ޕާން ނުވަތަ ސަވަޑޯ ފަދަ ބާވަތަކާ އެކު ކެއުމަކީ ވެސް ވަރަށް ގިނަ ބައެއްގެ އާދައެއް--ފޮޓޯ/ހެލްތުލައިން

މީގެއިތުރުން ހަށިގަނޑުގައިވާ ވިހަ މާއްދާތަކާއި ބަރު މައުދަންތައް ބޭރުކުރުމަށް އެހީތެރިވާ ފުރަމޭގެ އެންޒައިމްތައް ލޮނުމެދުގެ ސަބަބުން ހީވާގިވެއެވެ. އަދި ފުރަމޭގެ ސެލްތައް ހަލާކުވުމުން ސަލާމަތްކޮށްދޭ މާއްދާތައްވެސް މީގައި އެކުލެވިގެންވެއެވެ. ހެނދުނު ރޯލޮނުމެދުން ދުވަސް ފެށުމަކީ ހަށިގަނޑު ސާފުކޮށްދިނުމުގެ ގުދުރަތީ ނިޒާމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.

ރޯލޮނުމެދުގައި، ކައްކާފައި ހުންނަ ލޮނުމެދަށްވުރެ ގިނަ ފައިދާހުރި މާއްދާތައް އެކުލެވެއެވެ. އެންމެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، އެކެއް ނުވަތަ ދެ ލޮނުމެދު ކޮޅު ޗިސްކޮށްލުމަށްފަހު ނުވަތަ ކުދިކޮށް ކޮށާލުމަށްފަހު، ކެއުމުގެ 10 މިނެޓު ކުރިން ބަހައްޓާށެވެ. މީގެ ސަބަބުން އޭގައިވާ ފައިދާހުރި މާއްދާތައް އުފެދުމަށް ފުރުސަތު ލިބެއެވެ.

އެހެންނަމަވެސް، ރޯލޮނުމެދަކީ އެންމެންނާ ގުޅޭ އެއްޗެއް ނޫނެވެ. ހުސްބަނޑާ ހުރެ ލޮނުމެދު ކެއުމުން މޭ އެންދުމާއި، ބަނޑުގައި އެސިޑް އުފެދުމާއި، މޭނުބައިކުރުން ނުވަތަ ބަނޑަށް އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.

ހާއްސަކޮށް ގޭސްޓްރިކް މައްސަލަ ހުންނަ މީހުން މިކަމަށް ސަމާލުވާންޖެހޭނެއެވެ. އަދި ލޮނުމެދަކީ ލޭ ތުނިކޮށްދޭ އެއްޗަކަށްވާތީ، ލޭ ތުނިކުރާ ބޭސް ބޭނުންކުރާ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

comment ކޮމެންޓް