ގުރައިދޫގެ ކާރިސާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ކ. ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެތެރެއިން... ފޮޓޯ/ އެންޑީއެމްއޭ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކ. ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މުހިއްމު މަސައްކަތްތަކެއް މިއަދު ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ގުރައިދޫ ކައުންސިލްގެ އިތުރުން ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތެވެ.

ކ. ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެތެރެއިން... ފޮޓޯ/ އެންޑީއެމްއޭ

އަދި ފަހު ދެ ދުވަހު ކުރިއަށްދާނީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ "ކޮމިއުނިޓީ ބޭސްޑް އެމަޖެންސީ ރެސްޕޮންސް ޓީމް" (ސާޓް) ތަމްރީން ކުރުމުގެ މަސައްކަތެވެ.

އެންޑީއެމްއޭގެ ޑިރެކްޓަ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާޢު ވިދާޅުވީ، އެ މަސައްކަތް ކުރަނީ އެ ރަށުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ. އަދި ފަހު ދެ ދުވަހު ކުރިއަށްދާނީ ސާޓް ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނޭ ބޭފުޅުން ތަމްރީން ކުރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކ. ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެތެރެއިން... ފޮޓޯ/ އެންޑީއެމްއޭ

މި ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކާރިސާ ހިރާސްކުޑަކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކުލަވާލާފައިވާ "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެނީ ލަގްޒަންބާގް، ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީގައި ޔޫއެންޑީޕީން ހިންގާ "ރިޑްސް އިން ސިޑްސް" ޕްރޮގްރާމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި "ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް" (ސީބީޑީއާރުއެމް) ފްރޭމްވޯކް މިހާރު ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިސްލާހުކޮށް، "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިން" (ސީބީއާރުބީ) އަށް ބަދަލުކޮށްފައެވެ.

ރަށު ފެންވަރުގައި ކާރިސާތައް މެނޭޖްކުރުމުގެ މިފަދަ ޕްލޭންތައް އެންޑީއެމްއޭއިން މިހާތަނަށް ރާއްޖޭގެ 72 ރަށެއްގައި އެކުލަވާލާފައިވެއެވެ. އަދި އިތުރު ރަށްރަށުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2،000 އެއްހައި އާބާދީއެއް އޮންނަ ގުރައިދޫ އަކީ މީގެކުރިން ވާރޭކޮޅެއްވެހިލާއިރަށް ވަރަށް ބޮޑަށް ފެންބޮޑުވާރަށެކެވެ. އަދި އެގޮތަށް ފެންބޮޑުވެ ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެސް މީގެ ކުރިން ލިބިފައި އެބަހުއްޓެވެ.

އެހެން ނަމަވެސް މިހާރު ފެންބޮޑުވުމަށް ދިމާވާ އެ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި އެގޮތުން މި އަހަރު މިހާތަނަށް އަދި ދަނީ އެކަންކަން ރަނގަޅަށް ކަމަށް ކައުންސިލް ރައީސް އިބްރާހީމް ޝަލީޒް ވިދާޅުވިއެވެ.

ޝަލީޒް "ސަން" އަށް ވިދާޅުވީ ކުރިން ތަންކޮޅެއް ގިނައިން ވާރޭ ވެހިލާއިރަށް ފެންބޮޑުވެ ގޭގެއަށް ވެސް ފެންވަންނަ ކަމަށެވެ. ނަމަވެސް ފެންބޮޑުވާ ސަރަހައްދުތަކަށް ކާނުލައި އެކަން ވަރަށް ބޮޑަށް ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް