އިނގިރޭސިވިލާތުގައި މިދިޔަ އަހަރު ވެސް ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވަނީ މުޙައްމަދު

އިނގިރޭސިވިލާތާއި ވޭލްސްގައި 2025 ވަނަ އަހަރު އުފަންވި ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަމަކީ 'މުޙައްމަދު' ކަމަށް އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ވިދިވިދިގެން މި ލިސްޓުގެ އެއްވަނަ 'މުޙައްމަދު' ހޯދި ތިންވަނަ އަހަރެވެ.

ހަމައެއާއެކު، އަންހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވާ ނަމަކީ 'އޮލިވިއާ' އެވެ. މިއީ ވިދިވިދިގެން 10 ވަނަ އަހަރަށް އޮލިވިއާ މި ލިސްޓުގެ އެއްވަނަ ހޯދި ފަހަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އަހަރު 5،957 ފިރިހެން ކުދިންނަށް މުޙައްމަދު ކިޔާފައިވެއެވެ. އަދި މި ނަން ލިޔާ އެހެން ގޮތްގޮތަށް ބަލާއިރު، 'މުހައްމެދު' 1،712 ކުދިންނަށް ކިޔައިގެން ލިސްޓުގެ 20 ވަނައިގައި އޮތްއިރު، 'މުހައްމަދު' 895 ކުދިންނަށް ކިޔައިގެން އޮތީ 55 ވަނައިގައެވެ.

ފިރިހެން ކުދިންގެ ލިސްޓުގެ ދެވަނައިގައި 4،075 ކުދިންނާއެކު 'ނޯއާ' އޮތްއިރު، ތިންވަނައިގައި އޮތީ 3،278 ކުދިންނަށް ކިޔާފައިވާ 'ލިއޯ' އެވެ. ގަދަ ދިހައެއްގައި ދެން ހިމެނެނީ ލޫކާ، އާތާ، އޮލިވާ، ޖޯޖް، އޮސްކާ، ތިއޮޑޯ އަދި ފްރެޑީއެވެ.

މިދިޔަ އަހަރުގެ ކޮންމެ މަހެއްގައިވެސް ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވަނީ މުޙައްމަދެވެ.

އަންހެން ކުދިންގެ ލިސްޓަށް ބަލާއިރު، އެއްވަނައިގައި އޮތް އޮލިވިއާ 2،386 ކުދިންނަށް ކިޔާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ކިޔާފައިވަނީ 2،249 ކުދިންނަށް ކިޔާފައިވާ 'ލިލީ' އެވެ. މިއާއެކު، ކުރިން ދެވަނައިގައި އޮތް 'އެމީލިއާ' ވަނީ 2،153 ކުދިންނާއެކު ތިންވަނައަށް ވެއްޓިފައެވެ. އަންހެން ކުދިންގެ ގަދަ ދިހައެއްގައި ދެން ހިމެނެނީ އައިލާ، ފްލޯރެންސް، ފްރެޔާ، ޕޮޕީ، އެލްސީ، އައިވީ އަދި އަލަށް ލިސްޓަށް ވަން އިޒަބެލާއެވެ.

މަހުން މަހަށް ބަލާއިރު އަންހެން ކުދިންގެ ނަންތަކަށް ބަދަލު އައިސްފައިވެއެވެ. އެގޮތުން ޖެނުއަރީން ޖޫންއަށް، އަދި އޮކްޓޯބަރާއި ނޮވެންބަރުގައި އެންމެ ގިނައީ އޮލިވިއާއެވެ. ނަމަވެސް ޖުލައިގައި އައިލާ، އޮގަސްޓުގައި ލިލީ، ސެޕްޓެންބަރުގައި އެމީލިއާ އަދި ޑިސެންބަރުގައި އެންމެ ގިނައީ ފްލޯރެންސްއެވެ.

ސްކޮޓްލެންޑުގެ ނޭޝަނަލް ރެކޯޑްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި އަންހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވަނީ ފްރެޔާއެވެ. އަދި ފިރިހެން ކުދިންނަށް އެންމެ ގިނައިން ކިޔާފައިވަނީ ނޯއާއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ވޭލްސްގެ ގަދަ 100 ގެ ލިސްޓަށް އަލަށް ވަން އަންހެން ނަންތަކުގެ ތެރޭގައި އެލިއާނާ، ގްރޭސީ، އަލްބާ އަދި ލައިލާ ހިމެނެއެވެ. ފިރިހެން ކުދިންގެ ލިސްޓަށް އަލަށް ވަނީ ކާޓާ، ރޫބެން، ސްޓޭންލީ އަދި ވިންސެންޓެވެ. އެލީ، އެމިލީ އަދި ޖެސިކާ ފަދަ އަންހެން ނަންތަކާއި، ގްރޭސަން، ބްރޯޑީ އަދި ބޯޑީ ފަދަ ފިރިހެން ނަންތައް ވަނީ ގަދަ 100 އިން އުނިވެފައެވެ.

ނަންތަކާ ބެހޭ ވެބްސައިޓެއް ކަމަށްވާ 'ނޭމްބެރީ' ގެ ތަޖުރިބާކާރެއް ކަމަށްވާ ކްލެއާ ގްރީން ބީބީސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އޮލިވިއާ އަދި މުޙައްމަދު އަނެއްކާވެސް އެއްވަނަ ހޯދުމަކީ ހައިރާންވާ ކަމެއް ނޫނެވެ. އޭނާ ބުނީ ނަމެއް މަގުބޫލުވުމުން ގިނަ ދުވަސްތަކެއް ވަންދެން އެ ނަމެއް ދެމިއޮންނަ ކަމަށެވެ.

އެމެރިކާގެ ކޮންސަލްޓަންޓެއް ކަމަށްވާ ކޮލީން ސްލޭގަން ފާހަގަކުރި ގޮތުގައި، މައިންބަފައިން ނަން ކިޔުމުގައި ރިސްކު ނަގަން ބޭނުމެއް ނުވެއެވެ. އަދި އަންހެން ކުދިންގެ ގަދަ 10 ގައި ހިމެނޭ ނަންތަކަކީ ވަރަށް ފަސޭހައިން ލޯބިން ކިޔާ ނަންތައް (ނިކްނޭމް) އުފެއްދޭ، އަދި ވަރަށް އަންހެންވަންތަ ނަންތަކެއް ކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތް ތަނުގައިވެސް ކުރީގެ ނަންތައް އަލުން އާލާވުން ފަދަ ޓްރެންޑުތައް ފެންނާނެ ކަމަށް މި ތަޖުރިބާކާރުން ލަފާކުރެއެވެ.

comment ކޮމެންޓް