އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގަތުމުން ފާޑުކިޔުން އަމާޒުވި ފަރާޖް، ޕާލިމެންޓުން އިސްތިއުފާދެއްވައިފި

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ---

މާލީ މުއާމަލާތްތަކާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާއި ތަހުގީގުތަކާ ހެދި އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ޕާލިމަންޓް މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަރާޖްގެ މި ކުއްލި އިސްތިއުފާއާ އެކު އޭނާ ތަމްސީލުކުރައްވަމުން ގެންދެވި ކްލެކްޓަން ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން މިހާރު ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް މި ފުރުސަތުގައި އަމިއްލަ އަމަލުތަކުގެ މައްޗަށް ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެ، އެ ބައި-އިލެކްޝަންގައި އަލުން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވީ، ކުށްވެރިވެފައިވާ މީހެއްގެ އަތުން ފަރާޖް ހޯއްދަވާފައިވާ މާލީ މަންފާތަކެއް ރަސްމީކޮށް ހާމަނުކުރައްވާ އޮތްކަން 'ދަ ސަންޑޭ ޓައިމްސް' ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަނީ ލޯންޑްރިންގެ މައްސަލައެއްގައި އެމެރިކާގައި ޖަލަށް ލި ޖޯޖް ކޮޓްރެލް ނަމަކަށް ކިޔާ މީހަކު ވަނީ ފަރާޖްގެ ސޯޝަލް މީޑިއާ ޓީމަށް ބޮޑެތި ޚަރަދުތަކެއް ކޮށް، ބަކިންގްހަމް ޕެލަސް ކައިރިން އޭނާ ކުއްޔަށް ހިފާފައިވާ އަގުބޮޑު ގެއެއް ބޭނުންކުރުމުގެ ފުރުސަތު ވެސް ފަރާޖަށް ދީފައެވެ.

މީގެ އިތުރުން ވެސް، ކްރިޕްޓޯކަރަންސީ ބިލިއަނަރެއްގެ އަތުން ލިބުނު ފަސް މިލިއަން ޕައުންޑްގެ މައްސަލައެއް ޕާލިމަންޓުގެ އަޚުލާގީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ފަރާޖްގެ މި އިސްތިއުފާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެކި ޕާޓީތަކުގެ ލީޑަރުން ތުހުމަތުކުރާ ގޮތުގައި މިއީ އޭނާގެ މާލީ ޚިޔާނާތްތަކުގެ ނަތީޖާއިން ސަލާމަތްވުމަށާއި، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ ބޮޑު ހޭދައެއް ހިނގާނެ ބައި-އިލެކްޝަނަކަށް އިސްރާފުކޮށްލުމަށް ހިންގި ހީލަތްތެރި އަމަލެކެވެ. ނަމަވެސް ފަރާޖް ވިދާޅުވީ އޭނާ އެއްވެސް ގާނޫނަކާ ޚިލާފުވެފައި ނުވާނެ ކަމަށާއި، މި ބައި-އިލެކްޝަނަކީ ނުފޫޒުގަދަ ސިޔާސީ ނިޒާމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ފުރުސަތެއް ކަމަށެވެ.

https://sun.mv/218268

ފާހަގަކޮށްލެވޭ ގޮތުގައި ފަރާޖަކީ މި އަހަރުގެ ކުރީކޮޅު 60 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގަތް ބޭފުޅެކެވެ. އޭރު އެއީ އޭނާ ޖެއްސެއްވި "މެގާ ސްޓަންޓެއް" ކަމަށް ބުނެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. "ގާޑިއަން" ނޫހުން ރިޕޯޓްކުރި ގޮތުގައި، ފަރާޖު ރާއްޖެ ވަޑައިގަތީ ފޯޅަވަހި ނުވަތަ ޗާގޯސްއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި ނަމަވެސް، އެ ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް އިނގިރޭސި ސަރުކާރަށް ކުރިން އެނގިފައެއް ނުވެއެވެ.

އެއާއެކު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފަރާޖު ވަނީ، އޭނާ ފޯޅަވައްސަށް ވަޑައިގަތުމަށް ކުރި ދަތުރު ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕްރެޝަރު ކުރައްވަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

ނަމަވެސް ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް