ރާއްޖޭގެ ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، މަރުގެ އަދަބު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ދެކޮޅު ހައްދަވައިފިއެވެ.
އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތް ކަމަށެވެ.
އެހެންވެ، މަރުގެ ހުކުމް ކުރުމަށް އެ ފަނޑިޔާރުންނާ ހަވާލުކުރަން 'ހެޔޮނުވާނެ' ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ވަނީ މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ: ޝާތިއު
މަރުގެ ހުކުމް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި ވަކާލާތު ކުރި މީހެއް. އެކަމަކު، ފަނޑިޔާރުންގެ އަދުލުވެރިކަން ނެތްތަން ފެނުނީމައި މަރުގެ ހުކުމް ކުރުމާ އަޅުގަނޑު ދެކޮޅު މިހާރުކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
އެހެންވެ، މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ޔާމީން އެ ފަދައިން ވިދާޅުވިއިރު، މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް އެބަކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އެ މަހުގެ ކުރީކޮޅު ވަނީ، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައެވެ.
އެކަމަކު، މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް މަރުގެ އަދަބު އަދި ދީފައެއްނުވެއެވެ.