އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފިއެވެ.

މިއީ އިދިކޮޅު މައި ޕާޓީގެ ގޮތުގައި މިހާރު އޮތް އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ވަރަށް މުހިންމު ބަދަލެކެވެ. ފައިސަލް މިކަން ހާމަކުރައްވާފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފައިސަލްގެ އަރިސް ބައެއް ބޭފުޅުން "ސަން" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ރައީސްކަމުގެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފައިސަލް ވަނީ ފާޅުކުރައްވައިފައެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، އެ ފުރުސަތު ފަހިވެއްޖެނަމަ 2028 ގެ ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލްގެ އެބަ ހުންނެވިއެވެ.

ނަމަވެސް، ފައިސަލް އެންމެ ބޮޑަށް ބޭނުންފުޅުވަނީ ދެން އޮންނަ ވެރިކަމެއް އެމްޑީޕީއަށް ލިބުން ކަމަށާއި، ފައިސަލް އެންމެ އިސްކަން ދެއްވާނީ އެމްޑީޕީއަށް ވެރިކަން ލިބޭނެ ގޮތަކައިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށް ވެސް ގާތް ބޭފުޅުން ފާހަގަކުރެއްވިއެވެ.

"ފައިސަލް އެންމެ ބޮޑަށް ބޭނުންފުޅުވަނީ ދެން އޮންނަ ވެރިކަމެއް އެމްޑީޕީއަށް ލިބުން، އަދި ފުރުސަތު ފަހިވެއްޖެނަމަ ރިޔާސީ ޕްރައިމަރީގައި ފައިސަލް ފެނުމުގެ ޝައުގުވަނީ ފާޅު ކުރައްވައިފައި," އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނައިބު ރައީސްކަން ކުރެއްވި ފައިސަލަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގައި ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސެވެ. ދެހާސް އަށް ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު އެއްވެސް ސަރުކާރެއްގައި، ފައިސަލް ފިޔަވައި އެހެން އެއްވެސް ނައިބު ރައީސަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ. އެހެންކަމުން، އެންމެ ވަފާތެރި ނައިބު ރައީސްގެ ގޮތުގައި ފައިސަލް ވަނީ އާންމުންގެ ތެރޭގައި މަޝްހޫރުވެފައެވެ. ރައީސް ޞާލިޙާއެކު އެމަނިކުފާނު ބެހެއްޓެވި ގާތް ގުޅުމާއި، ސަރުކާރު ހިންގުމުގައި ދެއްވި އެއްބާރުލުމަކީ ސިޔާސީ މަސްރަހުގައި ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.

ވަރަށް ބޮޑު އިޖުތިމާއީ ޚިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފައިސަލް، ސިޔާސީ މަސައްކަތް ރަސްމީކޮށް ފެއްޓެވީ 2004 ވަނަ އަހަރުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އޭރު ފައިސަލް ތަމްސީލުކުރެއްވީ ފުވައްމުލަކު ދާއިރާއެވެ. އޭގެ ފަހުން، ފައިސަލް ވަނީ 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ހޯއްދަވާފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި، އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޞާލިޙްގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ނައިބު ރައީސްކަމަށް ވަޑައިގެންނެވިއެވެ. މި ދިގު ސިޔާސީ ތާރީޚާއެކު، ފައިސަލަކީ ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތެއްގެ ގޮތުގައި ބެލެވެއެވެ.

ފައިސަލް މި ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީއަށް 2023ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ވެރިކަން ގެއްލުނު ފަހުންނެވެ. މީގެ ކުރިން 16 އަހަރު ވަންދެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން، ފެބްރުއަރީ މަހު އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަން ފެއްޓެވިއެވެ.

ފައިސަލްގެ މި ޝައުގުވެރިކަމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ކުރެވެމުންދާ ބަހުސް އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވެސް ވަނީ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. މީގެ އިތުރުން، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ސިޔާސީ މަސްރަހުގައި އަޑުތައް ފެތުރިފައިވެއެވެ. ކުރީގެ ރައީސް ޞާލިޙް ވެސް ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭ އަޑުތައް އިވެއެވެ.

comment ކޮމެންޓް