ވިޖޭގެ ފިލްމީ ކެރިއަރު ނިންމާލި ފިލްމު އެންމެފަހުން ސެންސަރު ބޯޑުން ފާސްކޮށްފި

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ވިޖޭ ތަލަޕަތީގެ ފިލްމީ ކެރިއަރު ނިންމާލި ފިލްމު "ޖަނަ ނާޔަގަން" އެންމެ ފަހުން އިންޑިއާގެ ސެންސަރު ބޯޑުން ފާސްކޮށްފިއެވެ.

ދާދިފަހުން އިންޑިއާގެ ތެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމާ ހަވާލުވެ ސިޔާސީ ދަތުރު ފެށި އެކްޓަރުގެ ފިލްމު "ޖަނަ ނާޔަގަން" ސެންސަރު ބޯޑުން ފާސްކޮށް 'އޭ' ސެޓްފިކެޓް ދީފައި މިވަނީ ހަތް މަސް ދުވަހުގެ ދިގު އިންތިޒާރަކަށްފަހުއެވެ.

އެޗް ވިނޯދު ޑައިރެކްޓްކޮށްފައިވާ "ޖަނަ ނާޔަގަން" އަކީ ވިޖޭ ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭނެ އެކްޓަރުގެ އެންމެ ފަހު ފިލްމު ކަމަށް މީގެކުރިންވެސް ވަނީ ބުނެފައެވެ. މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މިއަހަރުގެ ޖަނަވަރީ މަހުއެވެ.

ނަމަވެސް އިންޑިއާގެ ފިލްމު ސެންސަރު ބޯޑުގެ ރިވައިޒިންގް ކޮމިޓީއަށް މި ފިލްމު ފޮނުވުމާއެކު އެ ކޮމިޓީއިން ނިންމަންޖެހޭ ނިންމުންތައް ލަސްވުމާ ގުޅިގެން ވިޖޭގެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް މިހާތަނަށް ވަނީ ނުނިންމިފައެވެ.

ފިލްމު "ޖަނަ ނާޔަގަން"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ

ފިލްމު "ޖަނަ ނާޔަގަން" ރިލީޒްކުރާނެ ތާރީޚެއް ފިލްމު ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަނުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނެތް ނަމަވެސް، ތަމަޅަނާޑޫ ފިލްމު ޑިސްޓްރިބިއުޓާސް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ 24އިން ފެށިގެން އެ ސްޓޭޓްގެ ގާތްގަނޑަކަށް 1،000 ސިނަމާއެއްގައި މި ފިލްމު ދައްކަން ފަށާނެއެވެ.

ވިޖޭ ލީޑް ރޯލްއިން ފެންނާނެ ފިލްމު "ޖަނަ ނާޔަގަން"ގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، ބޮބީ ޑިއޯލް، ޕްރަކާޝް ރާޖް، ޕޫޖާ ހެގްޅޭ އަދި މަމީތާ ބައިޖޫ ހިމެނެއެވެ.

comment ކޮމެންޓް