ވިހަގަދަ ކަމަށް ބެލެވޭ ސޫތްޕެއް ދަތްއެޅުމުގެ ސަބަބުން ހާލު ދެރަވެ، ރާޖޭޝް ޝަރުމާއަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އެކްޓަރު ރާޖޭޝް ޝަރުމާ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކުގައި ސަޕޯޓިންގް ރޯލް ކުޅެފައިވާ އެކްޓަރު ރާޖޭޝް ޝަރުމާ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާ ދެމުން އަންނަކަން ހާމަކޮށްފިއެވެ.

ރާޖޭޝްއަށް ހޮސްޕިޓަލުގައި ފަރުވާދޭންފެށީ، އެކްޓަރު ޕްރަބާސްގެ ފިލްމު "ފައުޖީ"ގެ މަސައްކަތުގައި އުޅެނިކޮށް ވިހަދަ ކަމަށް ބެލެވޭ ސޫތްޕެއް ދަތްއެޅުމުގެ ސަބަބުން ފަހުން ސިއްހީ ހާލަތު މާގޯސްވުމާ ގުޅިގެންނެވެ.

ރާމޯޖީ ފިލްމް ސިޓީގައި ކުރިއަށްދިޔަ ޝޫޓިންގްތެރޭ ހިނގި މިހާދިސާއާ ގުޅޭގޮތުން ބަތަލާ ސުދީޕާ ޗެޓަޖީ އާއި ފިލްމް އުފައްދާ އަގްނީދޭވް ޗެޓަޖީ ވެސް ވަނީ ރަސްމީކޮށް ވާހަކަދައްކާފައެވެ.

އެގޮތުން ރާޖޭޝްގެ ފައިގައި ސޫތްޕެއް ދަތްއެޅީ މަސައްކަތް ނިންމާލުމަށްފަހު ގަސްބޯ ސަރަހައްދެއްގައި ފަންނީ މުވައްޒަފުންނާ އޭނާ ވާހަކަ ދައްކަން ހުއްޓާ ކަމަށް އަގްނީދޭވް ޗެޓަޖީ ވަނީ ބުނެފައެވެ. އެއްޗެއް ދަތްއެޅި ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް އެވަގުތު އެއީ މާބޮޑުކަމެއްގެ ގޮތުގައި އެކްޓަރު ނުދެކޭ ކަމަށް އަގްނީދޭވް ޗެޓަޖީ މީޑިއާގައި ބުނެފައިވެއެވެ.

ފިލްމު އެކްޓަރު ރާޖޭޝް ބަތަލާ ވިދިޔާ ބާލަންއާ އެކު--ފޮޓޯ/ފޭސްބުކް

މި ހާދިސާ ހިނގިތާ ގާތްގަނޑަކަށް ހަ ގަޑިއިރު ފަހުން ރާޖޭޝްގެ ކަނާތު ފައިގައި ވަރަށް ބޮޑަށް ރިއްސާ، ހާލު ދެރަވި ނަމަވެސް އެ ހާލަތުގައި އޭނާ ކަލްކަތާއަށް ދަތުރުކުރިކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި ދަތުރުމަތީގައި ގަދައަށް ހުން އައިސް، ނޭވާލާން އުނދަގޫވެ، ހާލަތު އިތުރަށް ގޯސްވިކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ޖެހިގެން އައި ދުވަހު ރާޖޭޝް ވަނީ ދެކުނު ކަލްކަތާގެ އަމިއްލަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. އޭނާގެ ފައިގެ އިނގިިލިތަކުން ފެށިގެން ކަކުލާ ހަމައަށް އިންފެކްޝަން ފެތުރި، ފައިގައި ބޮޑެތި ފޮޅުތަކެއް ނަގާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުން ރާޖޭޝްއަށް ފަރުވާދެމުންދިޔަ ނަމަވެސް އެކްޓަރުގެ ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. އެހެންކަމުން ރާޖޭޝްގެ ސިއްހީ ހާލަތާމެދު ވަކި އެއްޗެއް ބުނަން ދަތި ކަމަށް އެކްޓަރަށް ފަރުވާދޭ ޓީމުގައި ހިމެނޭ ޑރ. އަވިޖިތު ބަޓަޗާރިޔާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް