މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ޝާހްރުކް ޚާންގެ ފިލްމު "ކިންގް" އަކީ، ޝާހުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރާ ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ރިޕޯޓުތަކުން ބުނާގޮތުން ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭ މި ފިލްމުގެ ބަޖެޓް މިހާރު ވަނީ 450 ކްރޯޑު ރުޕީސްއަށް އަރާފައެވެ. އެއީ ގާތްގަނޑަކަށް 47 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެކެވެ.
މީގެކުރިން ޝާހު ލީޑް ރޯލް ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު، އެންމެ ބޮޑު ބަޖެޓަކުން ގެނެސްދިން ފިލްމަކީ 300 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ޑައިރެކްޓަރު އެޓުލީގެ ފިލްމު "ޖަވާން"އެވެ. އެ ފިލްމުން ޝާހުއަށް ކެރިއަރުގެ ފުރަތަމަ ނެޝަނަލް އެވޯޑު ވެސް ވަނީ ކާމިޔާބުވެފައެވެ.
ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އަކީ ސިދާތުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ ފިލްމު ކުންފުނި ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު "ކިންގް"ގެ ޑައިރެކްޓަރު ސިދާތު އާނަންދު އަދި ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ކިންގް" އަކީ ޝާހުގެ ކެރިއަރުގެ ވަރަށް މުހިއްމު އަދި އެހާމެ ޚާއްސަ ފިލްމެއް ކަމަށް މީގެކުރިންވެސް އެކްޓަރު ވަނީ ބުނެފައެވެ. އޭގެ އެންމެ މުހިއްމު އެއް ސަބަބަކީ، މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމަށް "ކިންގް" ވުމެވެ. ފިލްމުގައި ސުހާނާ ކުޅޭ ކެރެކްޓާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ޝޫޓިންގް ފެށި "ކިންގް"ގެ މަސައްކަތް މި އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. އެއް އަހަރާއި ތިން މަސްދުވަހަށް ދެމިގެންދާ މި ފިލްމުގެ މަސައްކަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150 އަށްވުރެ ގިނަ ދުވަހު ފިލްމުގެ މަންޒަރުތައް ނަގާނެއެވެ. މި ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ސްޓަންޓް ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޝާހު އާއި ދަރިފުޅު ސުހާނާގެ އިތުރުން ދީޕިކާ ޕަދްކޯން އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަރްޝަދު ވަރްސީ، ޖެކީ ޝްރޮފް، ރާގަވް ޖުޔަލް، އަބޭ ވަރުމާ، ސޯރަބް ޝުކްލާ، އަނިލް ކަޕޫރް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ، ކަރަންވީރް މަލްއުތުރާ އަދި ފަހީމް ފަޒްލީ މުހިއްމު ރޯލްތަކުން ފެންނާނެ "ކިންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 24ގައެވެ.