އާމިރު އާއި ގޯރީގެ ކައިވެނީގެ އަނގޮޓިތައް ފަރުމާކުރުމަށް 131 ފަންނުވެރިން

އާމިރު އާއި ގޯރީގެ ކައިވެނީގެ އަނގޮޓި އަދި ދެމަފިރިން ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިދިޔަ އާދިއްތަ ދުވަހު ކުރި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ތިން ވަނަ ކައިވެނީގެ ރަސްމިއްޔާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަމެއް ހުއްޓުނީ އާމިރު އާއި އަންހެނުން ގޯރީ ސްޕްރެޓްގެ އަތުގައި އަޅާފައިވާ ކައިވެނީގެ އަނގޮޓިތަކަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެ ދެމަފިރިންގެ އަތުގައި އަޅާފައިވާ 'ރޫބީ' ނުވަތަ ޔާގޫތު ހިލަ ހަރުކޮށްފައިވާ އަނގޮޓިތައް ފަރުމާ ކުރުމަށް 131 ފަންނުވެރިން 256 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

މުމްބާއީގައި ހުންނަ އާމިރުގެ އަމިއްލަ ގޭގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތުގައި ދެމަފިރިންގެ އިނގިލީގައި ވިދަމުންދިޔަ މި އަނގޮޓިތަކަކީ، މުމްބާއީގެ ލަގްޒަރީ ގަހަނާ ބްރޭންޑެއް ކަމަށްވާ "ކުއީން ޖުވެލްސް" އިން ތައްޔާރުކުރި ގަހަނާތަކެކެވެ. މި އަނގޮޓިތަކުގައި ބޭނުންކޮށްފައި ވަނީ، އޮމާންކޮށް ބައްޓަންކޮށްފައިވާ ގުދުރަތީ 'ރޫބީ'އެވެ.

މަޑަގަސްކަރައިން ހޯދާފައިވާ މި 'ރޫބީ' އަކީ ވަރަށް ނާދިރު ވައްތަރެއްގެ އެއްޗެއް ކަމަށާއި، މިފަދަ އެސްތަކެއް ހޯދުމަށް އެކަނިވެސް ތިން މަސް ދުވަސް ހޭދަވި ކަމަށް އެ ގަހަނާ ފަރުމާކުރި ފަރާތުން ބުނެއެވެ. ރަސްކަލެއްގެ ތާޖެއްގެ ބައްޓަމަށް، ރަނުން ފަރުމާކޮށްފައިވާ މި އަނގޮޓިތަކަކީ އަތުން ފަރުމާކޮށްފައިވާ ނުހަނު ފުރިހަމަ މަސައްކަތެކެވެ.

އާމިރު އާއި ގޯރީ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަގުބޫލުން ފިލްމީ ތަރިންގެ ކައިވެނީގައި ބޭނުންކުރާ ކައިވެނީގެ ހާއްސަ އަނގޮޓިތަކުގެ އަގު ބައެއް ތަރިން ހާމަކުރިނަމަވެސް އާމިރު އާއި ގޯރީގެ ކައިވެނީގެ ރަސްމިއްޔާތުގައި ފެނުނު މި އަނގޮޓިތަކުގެ އަގު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ ފިލްމު އެކްޓަރު އަދި ޕްރޮޑިއުސަރުންގެތެރޭ ހިމެނޭ އާމިރުގެ މިއީ ތިން ވަނަ ކައިވެންޏެއެވެ. މީގެ ކުރިން އާމިރު ވަނީ ރީނާ ދައްތާ (1986-2002) އާއި ކިރަން ރާއޯ (2005-2021)އާ ކައިވެނިކޮށްފައެވެ.

އާމިރުގެ އަންހެނުން ގޯރީ ވެސް ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ. ގޯރީއަކީ ބެންގަލޫރަށް ނިސްބަތްވާ، ރީތިވުމާއި ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މާހިރެކެވެ.

އާމިރު ގޯރީ މީޑިއާއަށް ތައާރަފުކޮށްދިނީ މިދިޔަ އަހަރު އާމިރުގެ 60 ވަނަ އުފަންދުވަހާ ދިމާކޮށެވެ. އެ ދުވަހު އާމިރު ހާމަކުރި ގޮތުގައި، އޭރު އެ ދެމީހުންގެ މެދުގައި ގުޅުން އުފެދިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އާމިރުގެ ދެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު، ގޯރީގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ހުރެއެވެ.

comment ކޮމެންޓް