ޑީޖޭއޭގެ މުވައްޒަފަކު ވިލިމާލޭ އަރުޝީފަށް ބަދަލުކުރި މައްސަލައެއްގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް

ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ޑީޖޭއޭގެ ވަކީލު އިބްރާހީމް ފައްވާޒް ވާހަކަދައްކަވަނީ --

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު، ވިލިމާލޭގައި ހުންނަ އަރުޝީފަށް ބަދަލު ކުރި މައްސަލައިގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ޑީޖޭއޭއަށް އަމާޒުވެއްޖެއެވެ.

މިއީ، ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރާ، މަޢުޞޫމާ ފާރޫޤު، ކަށިމާގެ/ ގއ.ދާންދޫ، ވިލިމާލޭގައި ހުންނަ އަރުޝީފަށް ބަދަލު ކުރި މައްސަލައެވެ. މައުސޫމާއަކީ ޑީޖޭއޭގެ ލީގަލް ކައުންސެލްއެވެ.

މައުސޫމާ، ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދަނިކޮށް، އަރުޝީފަށް ބަދަލުކުރީ، މެއި މަހުގެ ތެރޭގައެވެ.

މި މައްސަލައިގެ ތެރެއިން އެނގޭ ގޮތުގައި މައުސޫމާ، ވިލިމާލޭގައި މަސައްކަތް ކުރާ ގޮތަށް ކުއްލި ގޮތަކަށް ހަމަޖެއްސީ އޭނާ ޗުއްޓީގައި ހުއްޓައެވެ.

މެއި މަހު، ކުއްލި ގޮތަކަށް މައުސޫމާ އަރުފީޝަށް ބަދަލުކުރުމުން އޭނާ އެ މައްސަލަ ހުށަހެޅީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގެ ތެރެއިން އެ ޓްރައިބިއުނަލުންވަނީ އެ މައްސަލަ އެ ތަނުން ވަކިގޮތަކަށް ނިމެންދެން މައުސޫމާގެ ވަޒީފާ ބަދަލު ކުރި ކުރުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ.

އެ އަމުރާއެކު ޑީޖޭއޭއިން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުގައި މި މައްސަލައިގެ އަޑު އެހުންތައް އިއްޔެ ފަށައިފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ޑީޖޭއޭއަށްވަނީ އަމާޒުވެފައެވެ.

އެގޮތުން މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އެ އިދާރާއިން ފޮނުވި އީމެއިލްގެ ކޮންޓެންޓާ ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ވިދާޅުވުމުން، އެ އަމުރު ތަންފީޒު ކުރަން ކުރީ ކޮންކަމެއްތޯ ފަނޑިޔާރު އެއްސެވިއެވެ.

އޭގެ އިތުރުން އަރުޝީފަށް މައުސޫމާ ބަދަލު ކުރި ކުރުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުން ލިޔުމުން އޮތްތޯ ބެލުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް ފަހު، އެ ލިޔުން ހައިކޯޓަށް ހުށަހަޅަން ބެންޗުން އެންގެވިއެވެ.

މީގެ އިތުރުން އަމުރާ ގުޅޭ ގޮތުން ޑީޖޭއޭއިން ނިންމި ނިންމުމާ ގުޅިގެން، އަލުން ހައިކޯޓުގައި އަމުރަކަށް އެދުމުން ކުރާ އަސަރަކީ ކޮބައިތޯވެސް ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް ޑީޖޭއޭއިން ވިދާޅުވުމުން، އެ ވަގުތީ ގޮތުން ނިންމި ނިންމުމުގެ މުއްދަތަކީ ކޮބާތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުން، އޭނާ ބަދަލު ކުރުމުގެ ކުރިން، މުވައްޒަފާ އެއްވެސް މަޝްވަރާއެއް ކުރިތޯ އަދި މަސައްކަތްތައް ބަދަލުކުރި ކުރުން ލިޔުމުން އޮންނާނެތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

އަރުފީޝަށް ބަދަލުކޮށް މައުސޫމާއާ ހަވާލު ކުރެއްވީ ކޮން މަސައްކަތެއްތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާގެ ވަޒީފާގެ ތަޖުރިބާއާއި ތައުލީމާއި ހުނަރަށް ބަލާއިރު، ފަހުން ހަވާލު ކުރި މަސައްކަތަކީ އެ ތަޖުރިބާއާއި ތައުލީމަށް ރިއާޔަތްކޮށް ހަވާލު ކުރި މަސައްކަތެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

މި މައްސަލައިގެ އަޑު އެހުމުން އެނގޭ ގޮތުގައި ވިލިމާލެއަށް ބަދަލުކުރުމަށް ފަހު، ފަހުން އަނެއްކާ މައުސޫމާ ޑީޖޭއޭގައި މަސައްކަތް ކުރާ ގޮތަށްވަނީ ވަގުތީ ގޮތުން ހަމަޖައްސައިފައެވެ.

މި މައްސަލައިގައި، ޑީޖޭއޭއިންވަނީ މައުސޫމާގެ ވަޒީފާގެ ކަންތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ފަސް ކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދިފައެވެ. އެ އަމުރާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް