އޭއައިއަކީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މުހިންމު ވަސީލަތެއް: އިހުސާން

"ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވާނެންސް" ސަމިޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ---

ރާއްޖެ ފަދަ ގައުމުތަކަށް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ، ހަމައެކަނި ނަމަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވާނެންސް" ސަމިޓުގައި ވާހަކަފުޅުދައްކަވަމުނެވެ.

މިނިސްޓަރު ވަނީ ރާއްޖެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ރާއްޖެ ފަދަ ގައުމުތަކަށް އޭއައި އަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރާނެ މުުހިންމު ވަސީލަތެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވާނެންސް" ސަމިޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ---

އެހެންކަމުން މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް ކަމަށާއި އެކަން ބިނާވަނީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސައިބާސެކިއުރިޓީ ކަށަވަރުކުރުމާއި ޒިންމާދާރުކުރަނިވި ނިޒާމެއްގެ ތެރެއިންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެ ފަދަ ގައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެ ބިންގަލުގެ މަތީގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ.

އޭއައިގެ ކުރިއެރުން ބިނާ ވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށާއި އެންމެ ބާރުގަދަ ފަރާތަށް އެކަނި އޭގެ ބޭނުން ކުރެވޭނެ ނިޒާމެއްގެ ބަދަލުގައި އެންމެނަށް ވެސް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް އޭއައި ތަރައްގީކުރުމަށް މިނިސްޓަރު ވަނީ ދާއިރާގައި ކުރިއަރާފައިވާ ގައުމުތަކަށް ގޮވާލާފައެވެ.

އޭއައިއަކީ ޚިދުމަތް ދިނުމުގައި އެންމެނަށް އޭގެ ބޭނުންކުރެވޭނެ ފަދަ ނިޒާމެއްކަން ކަށަވަރުކުރަން ޖެހޭކަމަށާއި ރާއްޖެއިން ޔުނެސްކޯއާއި ގުޅިގެން ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާ ކަމަށާއި މިހާރު އެއައި ޑޭޓާ ލެބް ނުވަތަ މޯލްޑިވްސް އޭއައި ލެބް ގާއިމުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް