ނަޝީދު ރައީސަށް: ލާމަރުކަޒީ ނިޒާމާ ކުޅުއްވައި ތި ފައްކާކުރައްވަނީ ރަނގަޅު ބަޣާވާތެއް

ރައީސް މުއިއްޒާއި ކުރީގެ ރައީސް ނަޝީދު: ނަޝީދު --- ފޮޓޯ/ މަޖިލިސް

ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހުރި ބިންތައް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރައްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފައްކާކުރައްވަނީ "ރަނގަޅު ބަޣާވާތެއް" ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޑރ. މުޢިއްޒަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އެ ބިލުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ރަށްރަށުގެ ބިމާއި ފަޅާއި ފަރު ފަދަ ތަންތަން ވަޒީރުންގެ މަޖިލީހުގެ ސީދާ ބާރުގެ ދަށަށް ގެނައުމެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ތިނަދޫ އަދި ހުވަދޫ ރައްޔިތުންގެ އަތުން ބިންތައް އަތުލަން އުޅޭއިރު، އެ ރަށްރަށުގެ ތާރީޚަށް ރައީސް މުޢިއްޒު ވިސްނަވަންޖެހޭނެ ކަމަށެވެ.

އަދި ރައްޔިތުން ނުކުމެ އިޙްތިޖާޖުކޮށް ވެރިކަންތައް ބަދަލުކުރަނީ ކޮން ހާލެއް ޖެހިގެންތޯ އަމިއްލަފުޅަށް ސުވާލުކުރައްވަން ޖެހޭ ކަމަށާއި، މި ހުރިހާ މައްސަލައެއްގެ އަސްލަކީ ލާމަރުކަޒީ ނިޒާމެއް ނެތި މާލެއިން ހުރިހާ ކަމެއް ހިންގަން މާލޭގެ ވެރިން މާބޮޑަށް ވިސްނުން ކަމަށް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒު އަނެއްކާ ތި ފައްކާކުރައްވަނީ ރަނގަޅު ބަޣާވާތެއް. ދިވެހިރާއްޖެ ރޫޅާލުމަށް ތިބޭފުޅާ ތި މަސައްކަތް ކުރައްވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާއިރު، ރަށްރަށުގައި ކުރަންވީ ކަންކަން ވަޒީރުންގެ މަޖިލީހަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޤާނޫނަށް ބަދަލު ގެނެސްގެން ރަށްރަށުގެ އިޚްތިޞާޞުން ބިންތައް ވަކިކުރަން އުޅޭއިރު، ދިވެހި ރައްޔިތުން އެކަމަށް "ވަރިހަމަ" ކޮށްގެން ނުތިބޭނެ ކަމަށާއި، ޤައުމު ފަހަތަށް ދިޔުމަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށެވެ.

"ދިވެހިރައްޔިތުން ޑރ. މުޢިއްޒު ތެދުވާނެ. މި ރާއްޖެ ފަހަތަށް ދިޔުމަކަށް އެ ރައްޔިތުން ޖާގައެއް ނުދޭނެ. އަޅުގަނޑުމެންވެސް ތެދުވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ރުހުމާ ރައްޔިތުންގެ އެދުމާ އެކީ ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ، ހިންގިޔަ ދީގެންވެސް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް