ރާމްގެ ފިލްމު 'ޕެއްޑީ' ނެޓްފްލިކްސްއަށް

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ތެލުގޫ ފިލްމު "ޕެއްޑީ" ނެޓްފްލިކްސްގައި ސްޓްރީމްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

ދެކުނު އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ރާމް ޗަރަން އަދި ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު މުހިއްމު ރޯލްތައް ކުޅެފައިވާ "ޕެއްޑީ" ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނީ މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ނެޓްފްލިކްސްގެ އިންސްޓަގްރާމްގައި މި ފިލްމާ ބެހޭގޮތުން ބުނެފައިވަނީ، މި ފިލްމަކީ، ކުޅިވަރުގެ މައިދާނުގައި ބަދަލުކުރެވޭ ބަދަލުވުންތައް ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. ފިލްމު "ޕެއްޑީ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެހިފައިވަނީ، ދެކުނު އިންޑިއާގައި އާއްމުކޮށް ވާހަކަދައްކައިއުޅޭ، ތެލުގޫ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުރުވައިންނެވެ. މި ފިލްމު ހިންދީ ބަހުން ވަރަށް އަވަހަށް ސްޓްރީމްކުރަން ފަށާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

"ޕެއްޑީ"ގެ މަންޒަރެއްގައި ބަތަލާ ޖާންވީ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މައިތުރީ މޫވީ މޭކާސް އާއި ސުކުމާރު ރައިޓިންގްސް ގުޅިގެން، ވްރިދީ ސިނަމާސްގެ ބެނާގެ ދަށުން އުފައްދާފައިވާ "ޕެއްޑީ"އިން ފެންނާނެ އިތުރު ތަރިންގެތެރޭ، ކަންނަޑާ އެކްޓަރު ޝިވާ ރާޖްކުމާރު، 'މިރްޒާޕޫރު'އިން މަގުބޫލުކަން ހޯދި ދިވްޔެންދޫ ޝަރުމާ އަދި ބޯމަން އިރާނީ ހިމެނެއެވެ.

މި ފިލްމަކީ ބަތަލާ ޖާންވީ ކަޕޫރުގެ ކެރިއަރުގެ ދެވަނަ ތެލުގޫ ފިލްމެވެ. ޖާންވީ އެންމެ ފުރަތަމަ ކުޅުނު ތެލުގޫ ފިލްމަކީ، 2024ގައި ރިލީޒްކުރި ފިލްމު "ދޭވަރާ"އެވެ. އެ ފިލްމުގައި ޖާންވީއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ކުޅަދާނަ އެކްޓަރު ޖޫނިއަ އެންޓީއާރްއެވެ.

comment ކޮމެންޓް