ސެލީނާ، 15 އަހަރަށްފަހު އެނބުރި ފިލްމީ ދާއިރާއަށް

އިންޑިއާގެ ކުރީގެ ބަތަލާ ސެލީނާ ޖެޓްލީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ކުރީގެ ބަތަލާ ސެލީނާ ޖެޓްލީ 15 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމީ ދާއިރާއަށް އަލުން ނުކުންނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.

ޑައިރެކްޓަރު ރާމް ކަމަލް މުކަރްޖީގެ މި ފިލްމަކީ، ސްވާމީ ވިވެކާނަންދާގެ މުރީދެއް ކަމަށްވާ ސިސްޓަ ނިވެދިތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް "ސިސްޓަ ނިބެދިތާ"ގެ ނަމުގައި އުފައްދާ ފިލްމެކެވެ.

ސިސްޓަ ނިވެދިތާ އަކީ 1867 ވަނަ އަހަރު އަޔަލޭންޑަށް އުފަންވި މާގްރެޓް ނޯބްލްއެވެ. އޭނާ ސުވާމީ ވިވެކާނަންދާއާ ފުރަތަމަ ބައްދަލުވީ 1895 ގައި ލަންޑަނުންނެވެ. އޭގެފަހުން 1989ގައި އިންޑިއާއަށް ހިޖުރަ ކުރުމަށްފަހު، އޭނާގެ މުޅި ހަޔާތް ހޭދަކުރީ އިންޑިއާގެ ތައުލީމީ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ ޚިދުމަތުގައެވެ.

އަރިތުރާ ދާސް ކްރިއޭޝަނާއި އެސޯޓަޑް މޯޝަން ޕިކްޗަސް ގުޅިގެން އުފައްދާ މި ފިލްމުން ލިބުނު ފުރުސަތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ސެލީނާގެ ފިލްމީ ހަޔާތުގައި ލިބުނު އެންމެ މާނަފުން އަދި މުހިންމު މަސައްކަތް ކަމަށް ބަތަލާ ވަނީ ސިފަކޮށްފައެވެ.

ސެލީނާ އަލުން ފިލްމީ ދާއިރާއާ ގުޅުނުއިރު ބަތަލާގެ އަމިއްލަ ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވެ ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފައެވެ.

ސެލީނާ ކުޅޭ މާގްރެޓް ނޯބްލްގެ ކެރެކްޓާގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އެގޮތުން ބަތަލާގެ ކައިވެނި ރޫޅުމުގެ މައްސަލައާއެކު ކުދިންގެ ބެލެނިވެރިކަން ހޯދުމުގެ ގާނޫނީ މަރުހަލާތައް އިންޑިއާގެ އިތުރުން ފިރިމީހާ ޕީޓަ ހާގް ނިސްބަތްވާ އޮސްޓްރިއާގެ ކޯޓުތަކުގައި ދަނީ ކުރިއަށެވެ.

އަލުން ފިލްމީ މަސައްކަތް ފެށުމަކީ، ދިރިއުޅުމަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުން އަރައިގަނެ އަމިއްލަ ވަތަނުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ޖަނަޝީން"، "ނޯ އެންޓްރީ"، "އަޕްނާ ސަޕްނާ މަނީ މަނީ" އަދި "ގޯލްމާލް ރިޓާންސް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނުނު ސެލީނާ އެންމެ ފަހުން ފެނިފައިވަނީ 2011 ވަނަ އަހަރު ރިލީޒްކުރި "ތޭންކް ޔޫ"އިންނެވެ.

comment ކޮމެންޓް