ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސްކުރަން ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފި

ވެލާނާ އެއާޕޯޓު: ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް އަވަސްކުރަން ޑިޖިޓަލް ޕްލެޓްފޯމެއް ވަނީ ތައާރަފުކޮށްފައި --- ފޮޓޯ/ އެމްއޭސީއެލް

މި ޑިޖިޓަލް ނިޒާމުގެ މައިގަނޑު މަޤުޞަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމުގެ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. މި ޕޯޓަލްގެ ސަބަބުން އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުން އަދި ކަމާބެހޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެ، އޮޕަރޭޝަނަލް ކަންކަން މޮނިޓާކުރުމަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޕޯޓަލް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންނެވެ.

  • ފަޅުތެރެއަށް ވަނުމުގެ ހުއްދައާއި އުޅަނދުތައް ރަޖިސްޓްރީކުރުން "ހާބާ ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކުރުން.
  • ފުރަތަމަ މަރުޙަލާގައި އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމާއި ރަޖިސްޓްރީވުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އަންނަ މަހުގެ ނިޔަލަށް ޕޯޓަލްގައި ރަޖިސްޓްރީވުމުގެ މުއްދަތު އުޅަނދުފަހަރުގެ ވެރިންނަށް ދިނުން.
  • ފަހު މަރުޙަލާގައި ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުން މަޖުބޫރުވުން.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް، ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން "ހާބާ ޕޯޓަލް"ގެ ނަމުގައި ތައާރަފުކުރި އެ ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުން ކަމަށެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ލުއިފަސޭހަތަކެއް ލިބޭނެކަން އެމްއޭސީއެލްއިން ފާހަގަކުރިއެވެ.

އެ ކުންފުނިން ބުނީ، އެއާޕޯޓުގެ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ޕޯޓަލް ބޭނުންކުރަން ފަށަން ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން، ފުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށްވާއިރު، އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އެމްއޭސީއެލްއިން ވާނީ ކުރިއަށް ގެންގޮސްފައެވެ. ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ ކުންފުނިން ފާހަހަގަކުރިއެވެ.

އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ރަޖިސްޓްރީކުރުމުގެ މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި، ފަހު މަރުހަލާގައި އެ ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކުރިއިރު، އެއާޕޯޓުގެ ފަޅުތެރެ ކޮންމެ ދުވަހަކު އެތައް އުޅަނދެއް ބޭނުންކުރެއެވެ.

comment ކޮމެންޓް