އީރާނުގެ ކަނޑުއޮޅިން ބޯޓުތައް ނެރުމުގެ މަސައްކަތް އދ. އިން މެދުކަނޑާލައިފި

ހުރްމުޒް ކަނޑުއޮޅީގައި ބަނދަރުކޮށްފައިވާ އުޅަނދުތަކެއް. އދ ން ވަނީ ކަނޑުއޮޅިން އުޅަނދުތައް ނެރުމުގެ މަސައްކަތް މެދުކަނޑާލާފައި. ފޮޓޯ/ރޮއިޓާސް

ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ފަޅުވެރިންނާއި ބޯޓުފަހަރު ސަލާމަތްކުރުމަށް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަން ވަނީ ކުއްލި ގޮތަކަށް މެދުކަނޑާލާފައެވެ. މި އޮޕަރޭޝަން މަޑުޖައްސާލަން ނިންމީ، ސިންގަޕޫރުގެ ދިދަ ނަގާފައިވާ "އެވާ ލަވްލީ" ބޯޓަށް އޮމާން ކައިރިން ހަމަލާއެއް ދިނުމާ ގުޅިގެން، ސަލާމަތީ ގޮތުން އިތުރު ޔަގީންކަން ބޭނުންވާތީއެވެ. އެމެރިކާއިން މި ހަމަލާގެ ތުހުމަތު އީރާނަށް ކުރާއިރު، އީރާނުން އަންނަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން މެރިޓައިމް ފީއެއް ނެގުމަށް ރާވަމުންނެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިކަމާ ހަރުކަށި އިބާރާތުން ދެކޮޅުހައްދަވައި، އިންޒާރުދެއްވާފައެވެ.

  • އައިއެމްއޯއިން ހޮރްމުޒް ކަނޑުއޮޅީގައި ހިންގަމުންދިޔަ އިވެކުއޭޝަން އޮޕަރޭޝަން މެދުކަނޑާލީ ވިޔަފާރި ބޯޓަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.
  • މި ހަމަލާ އަމާޒުވެފައިވަނީ ސިންގަޕޫރުގެ ދިދަ ނަގާފައިވާ "އެވާ ލަވްލީ" ބޯޓަށެވެ.
  • އެމެރިކާއިން މި ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވާއިރު، އީރާނުން ދަނީ ކަނޑުއޮޅިން ފީއެއް ނެގުމަށް މަސައްކަތްކުރަމުންނެވެ.
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމަށްފަހު، މި ހަމަލާއާއި ނުތަނަވަސްކަމާއެކު އަނެއްކާވެސް ވަނީ މައްޗަށް ޖެހިފައެވެ.
  • މި މައްސަލަތައް ހައްލުކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ގެންދަވަނީ ގަލްފުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަމުންނެވެ.

ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ފަޅުވެރިންނާއި ބޯޓުފަހަރު ސަލާމަތްކުރުމަށް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށާފައިވާ ބޮޑު އޮޕަރޭޝަން ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ.

މި މަސައްކަތް މެދުކަނޑާލާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

އައިއެމްއޯގެ ވެރިޔާ އާސެނިއޯ ޑޮމިންގޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މިހާތަނަށް ބައެއް ބޯޓުތައް ސަލާމަތްކުރެވިފައިވީ ނަމަވެސް، މި އޮޕަރޭޝަން މެދުކަނޑާލީ ފަޅުވެރިންނާއި ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ޔަގީންކަމެއް ބޭނުންވާތީއެވެ.

އީރާނާއި، އޮމާން އަދި އެމެރިކާގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކާއި މެރިޓައިމް ސިނާއަތުގެ އެއްބާރުލުމާއެކު ފެށި މި ބޮޑު އޮޕަރޭޝަނަކީ، ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅިގެން އަންގާރަ ދުވަހު އިއުލާނުކުރި ޕްލޭނެކެވެ. ނަމަވެސް މި ހަމަލާއާއެކު، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާމެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފައެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެމްޓީއޯ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ހަމަލާ އަމާޒުވެފައިވަނީ އޮމާންގެ ދާހިތު ބަނދަރުގެ އިރުދެކުނުން 7.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ބޯޓަކަށެވެ. މި ހަމަލާގައި ބޯޓަށް އެރީ ކޮން އެއްޗެއްކަން އަދި ކަށަވަރުނުވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މެރިޓައިމް ރިސްކް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ވެންގާޑުން ހާމަކުރި ގޮތުގައި، ހަމަލާ އަމާޒުވީ ސިންގަޕޫރުގެ ދިދަ ނަގާފައިވާ "އެވާ ލަވްލީ" ނަމަކަށް ކިޔާ ބޯޓަކަށެވެ. މިއީ ޓައިވާނުގެ އެވާގްރީން ކުންފުނީގެ ސިންގަޕޫރު ސަބްސިޑިއަރީއެއްގެ ދަށުން އޮޕަރޭޓުކުރާ ބޯޓެކެވެ. ހަމަލާއަށްފަހުވެސް އެ ބޯޓު އޭގެ ދަތުރު ކުރިއަށްގެންދިޔަ ކަމަށާއި، އިތުރު އެހީތެރިކަމަކަށް އެދިފައިނުވާ ކަމަށް ވެންގާޑުން ބުނެފައިވެއެވެ.

އައިއެމްއޯގެ ވެރިޔާ ޑޮމިންގޭޒް ވިދާޅުވި ގޮތުގައި، ހަމަލާ އަމާޒުވި ބޯޓަކީ އދ. ގެ އިވެކުއޭޝަން ޕްލޭންގެ ދަށުން ދަތުރުކުރަމުންދިޔަ ބޯޓެއް ނޫނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށްވާތީ، ކަންކަން އިތުރަށް ސާފުވަންދެން އިވެކުއޭޝަން ޕްލޭން ވަނީ މަޑުޖައްސާލާފައެވެ.

ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ އުޅަނދުތައް އޮމާންގެ މަސްކަޓު ކައިރީގައި ދުވަސްތަކެއް ވަންދެން ތާށިވެފައި އޮތުމަށް ފަހު އޮމާންގެ އައްސޭރީގައި ބަނދަރުކޮށްފައި. ފޮޓޯ/ގެޓީ

ބޯޓުފަހަރު ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ މެރިންޓްރެފިކް އިން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި |އެވާ "ލަވްލީ" ބޯޓު ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ދެކުނު ރޫޓުން ކަނޑުއޮޅިއަށް ވަދެ، އެ ދުވަހުގެ މެންދުރުފަހު 15:30 ހާއިރު ކަނޑުއޮޅީގެ އިރުމަތީ ފަރާތުން ނުކުމެފައެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓަށް ހަމަލާދީފައިވަނީ އީރާނުންނެވެ. އީރާނުން ހޮރުމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އުފައްދާފައިވާ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ވަނީ، ކަނޑައެޅިފައިވާ ރޫޓުތަކުން ބޭރުން ދަތުރުކުރާ ބޯޓުފަހަރަށް ރައްކާތެރިކަމުގެ ޔަގީންކަން ނޯންނާނެ ކަމަށް ބުނެފައެވެ. އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުއްދަނެތް ރޫޓުތައް ބޭނުންކުރުމުގެ ސަބަބުން ނުކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ ނަގަންޖެހޭނީ ބޯޓުގެ ވެރިފަރާތާއި އޮޕަރޭޓަރުންގެ އިތުރުން ކެޕްޓަނުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި އީރާނުން އޮތީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ގަސްކާނާ ފަދަ މުހިންމު މުދާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް، ޖޫން 17 ވަނަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ފަހުމުނާމާއަކާއެކު ތެލުގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ.

ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ފީފާއެއް 72.48 ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިން ތެލުގެ އަގު ހުރި މިންވަރެވެ. ނަމަވެސް ފަހުން އަގު ވަނީ 73.23 ޑޮލަރަށް އުފުލިފައެވެ.

މި އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. އަދި މި 14 ނުކުތާގެ އެއްބަސްވުމުގައި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެއްވެސް ފީއަކާ ނުލައި ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އީރާނުން މަސައްކަތްކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

އެހެންނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ކަނޑުއޮޅި ހުރަސްކުރާ ބޯޓުފަހަރުން މެރިޓައިމް ސާވިސް ފީއެއް ނެގުމަށް ރާވަމުންދާ ކަމަށެވެ. މިކަމާ އެމެރިކާއިން ދެކޮޅުހަދަމުންދާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކަށްވުމުން، އެއްވެސް ގައުމަކަށް އެތަނުން ފީއެއް ނުނެގޭނެއެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކަކީ އެއްވެސް ގައުމެއްގެ މިލްކަކަށް ނުވާއިރު، އެފަދަ ތަންތަނުން ފީ ނެގުމަށް ހުއްދަދީފިނަމަ މުޅި ދުނިޔޭގައި ކަނޑުދަތުރުފަތުރުގެ ނިޒާމު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިހާރު ގެންދަވަނީ ގަލްފުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ބަހްރެއިންގައި ހުންނަވައިގެން، އީރާނާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސަރަހައްދުގެ އިސްވެރިންނާ މަޝްވަރާކުރައްވަމުންނެވެ.

comment ކޮމެންޓް