އަންހެނުންނަށް ޔޫރިކް އެސިޑް މަތިވާން މެދުވެރިވާ ސަބަބުތައް

ދިރިއުޅުމުގެ އާދަކާދަތަކާއި މެޓަބޮލިޒަމްއާ ގުޅުންހުރި ކަންކަމުގެ ސަބަބުން ޒުވާން އުމުރުގެ މީހުންގެ މެދުގައި ވެސް ޔޫރިކް އެސިޑް މަތިވުމުގެ މައްސަލަ ގިނަ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އެންޑީޓީވީ

ހަށިގަނޑުގައި ޕިއުރިން ހަޖަމުވުމަށްފަހު އުފެދޭ ޔޫރިކް އެސިޑް ގިނަވުމަކީ ހުޅުތަކަށް ތަދުވުމާއި ކިޑްނީގެ މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަމެއް ކަމަށް ހީކުރެވުނު ނަމަވެސް، ދިރިއުޅުމުގެ އާދަކާދަތަކާއި މެޓަބޮލިޒަމްއާ ގުޅުންހުރި ކަންކަމުގެ ސަބަބުން ޒުވާން އުމުރުގައި ވެސް މި މައްސަލަ މިހާރު ދަނީ އިތުރުވަމުންނެވެ.

  • ހަށިގަނޑުން ފެން މަދުވުމާއި ހަކުރު ގިނައިން ބޭނުންކުރުމަކީ ޔޫރިކް އެސިޑް މަތިވާ މައިގަނޑު އެއް ސަބަބެވެ.
  • އާދަޔާ ހިލާފަށް ބަރުދަން އިތުރުވުމާއި މެޓަބޮލިކް ދުޅަހެޔޮކަން ކުޑަވުމަކީ ވެސް މި ބައްޔަށް މަގުފަހިކުރުވާ ކަންކަމެވެ.
  • ހަމައެކަނި ކެއުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރަން ޖެހެއެވެ.
  • ގިނައިން ފެން ބުއިމާއި، އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށް ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.
  • ޔޫރިކް އެސިޑް މަތިވުމަކީ ޒުވާނުންނަށް ވެސް އާންމުވަމުންދާ ސިއްހީ މައްސަލައެކެވެ.
  • ބަލީގެ އަސްލު ސަބަބަކީ ދިރިއުޅުމުގެ ނުރަނގަޅު އާދަތަކެވެ.
  • ދާއިމީ ގޮތެއްގައި ހިފެހެއްޓޭނެ ފަދަ ސިއްހީ ކެއުމުގެ އާދަތައް އެކުލަވާލުން މުހިންމެވެ.

ޔޫރިކް އެސިޑަކީ ކާނާގައި ހުންނަ 'ޕިއުރިން 'ކިޔާ މާއްދާއެއް ހަށިގަނޑުން ހަޖަމުކުރުމަށްފަހު އުފެދޭ ބޭނުންނުވާ ބާވަތެކެވެ. އާންމުގޮތެއްގައި މިއީ ކިޑްނީ މެދުވެރިކޮށް ކުޑަކަމުދާ ތަކެއްޗާ އެކު ހަށިގަނޑުން ބޭރުވެގެންދާ އެއްޗެކެވެ. ނަމަވެސް، ހަށިގަނޑުގައި ޔޫރިކް އެސިޑް ގިނަވެއްޖެނަމަ އެކި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

އޭގެތެރޭގައި، ހުޅުތަކުގައި ކްރިސްޓަލްތައް އުފެދި، ހުޅު ދުޅަވެ، އިންތިހާއަށް ތަދުވުން، ކިޑްނީއަށް ގެއްލުންވެ، ހިލަ އުފެދެން މެދުވެރިވުން އަދި ހިތުގެ ބަލިތަކަށް މަގުފަހިކުރުވުން ހިމެނެއެވެ.

ކާނާއާ ބެހޭ މާހިރުން ހާމަކުރައްވާ ގޮތުގައި، ހަށިގަނޑުން ފެން މަދުވުމާއި، ހަކުރު ގިނައިން ބޭނުންކުރުމާއި، ބަރުދަން އިތުރުވުމުގެ އިތުރުން މެޓަބޮލިކް ދުޅަހެޔޮކަން ކުޑަވުމަކީ ޒުވާން އުމުރުގައި ވެސް ޔޫރިކް އެސިޑް މަތިވާން މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

އާންމުގޮތެއްގައި ޔޫރިކް އެސިޑް މަތިވުމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް، ހާއްސަކޮށް ފިރިހެނުންނަށް ދިމާވާ ސިއްހީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އަދި މިއީ ހަމައެކަނި 'ރެޑް މީޓް' ޕްރޮޓީން ގިނައިން ބޭނުންކުރުމުން ދިމާވާ ކަމެއް ކަމަށް ހީކުރެވުނު ނަމަވެސް، މާހިރުން ބުނާ ގޮތުގައި މީގެ ހަގީގަތް މާ ފުޅަލެވެ.

ދިރިއުޅުމުގެ އާދަކާދަތަކާއި މެޓަބޮލިޒަމްއާ ގުޅުންހުރި ކަންކަމުގެ ސަބަބުން ޒުވާން އުމުރުގެ މީހުންގެ މެދުގައި ވެސް މި މައްސަލަ މިހާރު ދަނީ އިތުރުވަމުންނެވެ.

މިކަމަށް އަލިއަޅުވާލައްވަމުން، އިންޑިއާގެ ނިއުޓްރީޝަނިސްޓް ނަމާމީ އަގަރްވާލް ވަނީ އޭނާގެ ކްލައިންޓެއްގެ ތަޖުރިބާ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނާ ހިއްސާކުރައްވާފައެވެ.

އިންޑިއާގެ ނިއުޓްރީޝަނިސްޓް ނަމާމީ އަގަރްވާލް--ފޮޓޯ/އެންޑީޓީވީ

އުމުރުން 30 އަހަރުގެ އެ އަންހެން މީހާއަށް އޭނާގެ ޔޫރިކް އެސިޑް މަތިވެފައިވާކަން އެނގުމުން ލިބުނީ ބޮޑު ސިހުމެކެވެ. އޭނާ ހީކުރި ގޮތުގައި މިއީ އުމުރުން ދުވަސްވުމުން ނޫނީ ދިމާވާނެ މައްސަލައެއް ނޫނެވެ. ނަމަވެސް، އޭނާ ދިޔައީ ހުޅުހުޅުގައި ރިއްސުމާއި، މާބޮޑަށް ވަރުބަލިވުމާއި، ބަރުދަން އިތުރުވުން ފަދަ އުނދަގޫތަކާ ކުރިމަތިލަމުންނެވެ.

ޔޫރިކް އެސިޑާ ބެހޭގޮތުން އޮންނަ އެންމެ ބޮޑު ކުށްހީ އަކީ އެއީ ހަމައެކަނި ޕްރޮޓީން ނުވަތަ 'ރެޑް މީޓް' ގިނައިން ކެއުމުން ދިމާވާ ކަމެއް ކަމަށް ބުނާ ބުނުމެވެ. ނަމަވެސް ނަމާމީ ބަޔާންކުރެއްވި ގޮތުގައި، މިކަމަށް މަގުފަހިކުރާ އެހެން ކަންތައްތަކެއް ވެއެވެ.

އޭގެތެރޭގައި، ހަކުރު އެކުލެވޭ ގިނަ ބުއިންތަކާއި ކެއުންތައް ބޭނުންކުރުން، އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން، ހަށިގަނޑުން ފެން މަދުވުން، މެޓަބޮލިކް މައްސަލަތައް އަދި ގަޑިން ގަޑިއަށް ނުކެއުމުގެ އިތުރުން ސިއްހަތަށް ފައިދާހުރި ރަނގަޅު އާދަތަކާ ދުރުވުން ހިމެނެއެވެ.

ކެއުމުން ވަކި ބާވަތްތަކެއް އުނިކުރުމުގެ ބަދަލުގައި، ނަމާމީ ބާރުއަޅުއްވަނީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، މައްސަލަ ދިމާވާ އަސްލު ސަބަބަށް ހައްލެއް ހޯދުމަށެވެ.

އެގޮތުން އޭނާ ދެއްވި އިރުޝާދުތަކުގެ ތެރޭގައި، ގިނައިން ފެން ބުއިން، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން، އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކުރުން، ދާއިމީ ގޮތެއްގައި ހިފެހެއްޓޭނެ ފަދަ ސިއްހީ ކެއުމުގެ އާދަތައް އެކުލަވާލުން އަދި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ޔޫރިކް އެސިޑް ލެވެލް ދަށްވެ، މި މައްސަލަ މެދުވެރިވާ އަސްލު ސަބަބުތައް ދެނެގަންނަން ފަސޭހަވާނެ ކަމަށް ނަމާމީ ވަނީ ވިދާޅުވެފައެވެ.

ހަރުކަށިކޮށް ކެއުން ކޮންޓްރޯލް ކުރުމަށްވުރެ، ފެން ބުއިމާއި، ރަނގަޅު ކާނާ ބޭނުން ކުރުމާއި، ބަރުދަން މެނޭޖްކުރުން ފަދަ ދާއިމީ އާދަތަކުގެ ސަބަބުން ސިއްހަތަށް ކުރާ ފައިދާ މާ ބޮޑު ކަމަށް ނަމާމީ އިރުޝާދު ދެއްވައެވެ.

އެހެންކަމުން ޔޫރިކް އެސިޑް މަތިނަމަ، ހަމައެކަނި ނުކާންވީ އެއްޗެއްސަށް ބެލުމުގެ ބަދަލުގައި، މުޅި ދިރިއުޅުމުގެ އާދަކާދަތަކަށާއި، ހަށިގަނޑުގެ ފެނުގެ މިންވަރަށާއި މެޓަބޮލިކް ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

comment ކޮމެންޓް