ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް މައި އިދިކޮޅު އެމްޑީޕީއަށް ވެރިކަންކުރާ ޕީއެންސީން ދިނީ އޯގާތެރިކޮށް ކަމަށާއި، އެކަމަކު އެމްޑީޕީއަކީ ކޮށްދޭ ހެޔޮ ކަންކަން ނުފެންނަ ޕާޓީއެއް ކަމަށް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕީސީބީގެ ރައީސްކަމަށް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) އެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އިއްވަވަނިކޮށް، އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ.
އެ އިހުތިޖާޖާ ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން، އެ ޕާޓީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ. އެހެންކަމުން އިއްޔެގެ ޖަލްސާގެ ބާކީ ބައި ކުރިއަށް ދިޔައީ އެ މެންބަރުންނާ ނުލައެވެ.
އެއަށްފަހު އިއްޔެ މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ސްޕޯކްސްޕާސަން މަޢުރޫފް ޛާކިރު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤް ހުވާކުރެއްވިތާ ދެ ހަފުތާވީއިރު އެއްވެސް ކޮމިޓީއަކުން ޞާދިޤަށް އަދި ފުރުސަތުދީފައި ނުވާ ކަމަށެވެ.
"އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ބޭއަދަބީކޮށް މުޚާތަބުކޮށް އެ ބޭފުޅުން ދެއްވި ކޮމިޓީއެއްގައި ދެއްވި މިންވަރަކަށް އަޅުގަނޑުމެން ތިބެން ޖެހޭނެ ކަމަށް މުޚާތަބުކޮށް ވާހަކަދެއްކުމާ ގުޅިގެން، އަޅުގަނޑުމެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މަޖިލީހުގެ ތަޅުމުން މިއަދު މި ވަނީ ނެރެފައި،" މަޢުރޫފް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ފަލާޙް ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައިވަނީ، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު، މަޖިލީހުގެ ގަވައިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭ މިންވަރަށްވުރެ އޯގާތެރިކޮށް ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށެވެ.
"ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަން ނުފެންނަ ބައެއް، ގަދަބާރުން ކަންކަން ކުރަން ނޫޅެ ގާނޫނާއި ގަވައިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސްކުރަން އެބަޖެހޭ،" ފަލާޙް ލިޔުއްވައިފައިވެއެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިލް ވިދާޅުވީ، ޞާދިޤަށް ރަނގަޅު ކޮމިޓީތަކެއް ދެވޭނީ މަޖިލީހުގައި މަސައްކަތްކުރައްވާ ގޮތަށް ބެލުމަށް ފަހު ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވީ، ޞާދިޤަށް ކޮމިޓީއެއް ދިނުމާ ބެހޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި އަމީންއާންމު ފާޠިމަތު ނިއުޝާ އާ ބައްދަލުކުރައްވާފައި ވާނެ ކަމަށެވެ.
"އެހެން ނަމަވެސް މިއަދާ (އިއްޔެއާ) ހަމައަށް ދެ ހަފުތާވެ ނިމިދިޔައީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މި މަޖިލީހުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ކޮމިޓީތަކުގައި ކުރެވޭ މަސައްކަތްތައް، މިކަމުގައި ބައިވެރިވުމެއްނެތި ކޮންމެ ދުވަހަކު ހެނދުނު އައިއްސަ މަޖިލިސް 11 ޖަހާއިރު މި ބޭފުޅުން ނިންމެވީމަ ގެއަށް ވަޑައިގަންނަވަން މި ޖެހެނީ،" ނާޒިލް ވިދާޅުވިއެވެ.
ޕީއެންސީން ބޭނުންވަނީ އެންމެ މަދުން މަސައްކަތްކުރާ ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ ފަދަ ކޮމިޓީތަކުން ޖާގަ ދިނުމަށް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
މައިނޯރިޓީއެއް ގޮތުގައި މަސައްކަތްކުރާއިރު އެ ފުރުސަތު އެމްޑީޕީއަށް ބޭނުންވާނެ ކަމާއި، ކޮމިޓީތަކުން އިތުރަށް ޖާގަ ދީގެން ޕީއެންސީއަށް ވާނެ ގެއްލުމެއް ނޯންނާނެކަން ނާޒިލް ފާހަގަކުރެއްވިއެވެ.