ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް އަލުން އައްޔަންކުރި މުޙައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ނިޒާރާ އިންޓަވިއުކޮށް، ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ނިޒާރަށް ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރީ އެ ބޯޑުގެ ކުރީގެ ރައީސް މުޙައްމަދު އަނަސް މިދިޔަ އޭޕްރިލް މަހުގެ 30ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ނިޒާރު ވަނީ، 2014ވަނަ އަހަރުން ފެށިގެން 2019އަށް ޕީސީބީގެ ރައީސްކަން މީގެ ކުރިން ކުރައްވައިފައެވެ.
ސަރުކާރުގެ ޓްރޭޑް ކުންފުނި އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ނިޒާރު ފުރުއްވިއެވެ.
އޭނާ ވަނީ، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން، މޯލްޑިވް ގޭހާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ފުރުއްވައިފައިވެއެވެ.
ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.