އެއް ގަޑިއިރާއި 45 މިނެޓުގެ ބަހުސަކަށް ފަހު، މި ސަރުކާރުން އަގު ބޮޑުކުރި ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ދިރާސާކުރަން ފޮނުވައިލައިފިއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ މިދިޔަ ހޯމަ ދުވަހެވެ.
މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާއިން އެމްޑީޕީގެ ނުވަ މެންބަރަކު ބޭރުކޮށްލައިފައިވާތީ ވޯޓުލުން ކުރިއަށް ގެންދިޔައީ އެ މެންބަރުންނާ ނުލައެވެ.
ބިލު ބަލައިގަތުމަށްފަހު ރިޔާސަތުން ނިންމީ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ.
ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ.
މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުންވެސް ބުނެފައިވެއެވެ. ނަމަވެސް މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ.
އެފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.
ނަމަވެސް މިކަމުގައި ޑަބްލިޔުއެޗްއޯއިން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.
މި މަހުގެ ފުރަތަމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް ވިދާޅުވެފައެވެ.