އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ނުވަތަ އީއައިއޭ ފުރިހަމަނުކޮށް ވ. ކުނާވަށި ރިސޯޓުގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާތީ އެ ރިސޯޓް ހިންގާ، ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް ނުވަތަ އީއައިއޭ އަކީ ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށްދޭ ރިޕޯޓެކެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓްރީ އޮތޯރެޓީއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ އޮތޯރެޓީގެ ހުއްދަ ލިބުމުގެ ކުރިން އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށް ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް އެ ރިސޯޓު ހިންގާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އެ އޮތޯރެޓީއިން ބެލުމަށްފަހު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000 ރުފިޔާއިން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި އެ ޖޫރިމަނާގެ ފައިސާ ބަނޑޭރިޕޭ މެދުވަރިކޮށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށާާއި އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތް، ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރުހަމަކުރުމަށްފަހު ކުރިއަށް ގެންދިއުމަށް އީއާރްއޭއިން ވަނީ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވެފައެވެ.