ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވުމުން ވެސް، ޖަޕާނުގެ ސަޕޯޓަރުން ޑަލަސް ސްޓޭޑިއަމްގެ ސަރަހައްދު ސާފުކޮށް، މުޅި ދުނިޔޭގެ ސަމާލުކަމާއި ލޯބި އަނެއްކާވެސް ހޯދައިފިއެވެ.
ޖަޕާން ޓީމުގެ ސަޕޯޓަރުން މެޗު ނިމުމާއެކު، ދަނޑުން ނުކުތުމުގެ ކުރިން ބެލުންތެރިން ތިބި ސަރަހައްދުގައި ހުރި ކުނިތައް ހޮވައި ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
މި ހިތްގައިމު އަމަލަށް ދުނިޔޭގެ އެކި ކޮޅުތަކުން ތައުރީފު އޮހެމުންދާއިރު، ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ ފީފާއިން ވެސް ވަނީ އެކްސް މެދުވެރިކޮށް މި މަންޒަރުތައް ހިއްސާކޮށްފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖަޕާނުގެ ސަޕޯޓަރަކު ބުނެފައިވަނީ، މިއީ އެމީހުންގެ ސަގާފަތުގެ ބައެއް ކަމަށާއި، މިއީ ކުޅުންތެރިންނާއި، އިދިކޮޅު ސަޕޯޓަރުންގެ އިތުރުން މުޅި ސްޓޭޑިއަމަށް ކުރާ އިހުތިރާމެއް ކަމަށެވެ.
އަދި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށްވާއިރު، ތަން ހަޑިކޮށްފައި ދާން ބޭނުންނުވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޖަޕާނުގެ ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރަނީ--
މި އާދައަކީ ޖަޕާން ސަޕޯޓަރުންގެ މެދުގައި އާ ކަމެއް ނޫނެވެ. 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕުން ފެށިގެން، އަދި އެންމެ ފަހުން 2022 ގައި ގަތަރުގައި ބޭއްވި މުބާރާތުގައި ޖަރުމަނު އަތުން ތާރީޚީ މޮޅެއް ހޯދުމަށްފަހު ވެސް ޖަޕާނުގެ ސަޕޯޓަރުން ވަނީ ދަނޑު ސާފުކުރުމުގެ ރީތި ނަމޫނާ ދައްކާފައެވެ.
އާދިއްތަ ދުވަހުގެ މެޗުގައި ނެދަލެންޑްސްގެ ވާޖިލް ފަން ޑައިކް އާއި ކްރިސެންސިއޯ ސަމަވިލް ޖެހި ލަނޑުތަކާއެކު ނެދަލެންޑްސް ދެ ފަހަރެއްގެ މަތިން ކުރިހޯދި ނަމަވެސް، ޖަޕާނުން ވަނީ ހިތްވަރާއެކު ކުޅެ ނަކަމޫރާ އަދި މެޗުގެ 88 ވަނަ މިނެޓުގައި ޑައިޗީ ކަމާޑާ ޖެހި ލަނޑުން މެޗު އެއްވަރުކޮށްފައެވެ.
މި ނަތީޖާއާއެކު ދެ ޓީމަށްވެސް ގްރޫޕް އެފްއިން އެއް ޕޮއިންޓް ލިބިފައިވާއިރު، ފުޓްބޯޅަ ދަނޑުން ބޭރުގައި ޖަޕާނުގެ ސަޕޯޓަރުން ދެއްކި އަޚުލާގީ ރީތި ސިފައާއި އިހުތިރާމުގެ ސަގާފަތް ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގެ ކުޅިވަރު ސަގާފަތުގައި އެންމެ ބޮޑު ތައުރީފެއް ލިބުނު ކަންތަކަށެވެ.