ޔަމާލްގެ އަލަތު ވޯލްޑް ކަޕް މެޗު: ކުޑަކުޑަ ކޭޕް ވާޑޭ އަތުން ސްޕެއިން ފުއްދާލީ ޕޮއިންޓަކުން

ކޭޕް ވާޑޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގައި ލަމީން ޔަމާލް، މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް މެޗު--

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑޭއިން ވަނީ އެޓްލާންޓާގައި ކުޅުނު މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި، މެޗު އެއްވަރުކޮށްފައެވެ. ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑޭގެ ފަރާތުން ފެނިގެންދިޔަ މި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މި މެޗަކީ އަނިޔާއަށްފަހު އެނބުރި އައިސް، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅުނު ފުރަތަމަ ވޯލްޑް ކަޕް މެޗުކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ކޭޕް ވާޑޭގެ އުމުރުން ސާޅީސް އަހަރުގެ ގޯލްކީޕަރު ވޮޒީނިއާގެ ފަރާތުން އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ސްޕެއިންގެ ފެރާން ޓޮރޭޒް އަދި މިކެލް އޮޔާޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކޭޕް ވާޑޭގެ ޑިފެންސުންނާއި ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުން، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ކޭޕް ވާޑޭއަށް ވެސް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ހަމަލާ ސްޕެއިންގެ ކީޕަރު ދިފާއުކުރިއެވެ. ކުރިއަށް އޮތް ތަނުގައި ގްރޫޕް ސްޓޭޖުގައި ސްޕެއިން އަދި ކޭޕް ވާޑޭވެސް ވާދަކުރަން ޖެހޭނީ ވަރުގަދަ ސައުދީ އަރަބިއްޔާ އަދި އުރުގުއާއީއާއެވެ. މި މެޗުތަކަކީ ދެ ޓީމަށްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް ނުހަނު މުހިންމު މެޗުތަކަކަށް ވާނެއެވެ.

  • ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑޭއިން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ސްޕެއިންއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ.
  • މިއީ އަނިޔާއިން ރަނގަޅުވެ، ސްޕެއިންގެ އުމުރުން އަށާރަ އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް ކުޅުނު ފުރަތަމަ ވޯލްޑް ކަޕް މެޗެވެ.
  • ކޭޕް ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ އަދި ޑިފެންޑަރު ރޮބާޓޯ ލޮޕޭޒް ވަނީ ސްޕެއިންގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް، މެޗުގެ ބަތަލުންނަށް ވެފައެވެ.
  • ކުރިއަށް އޮތް ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މި ދެ ގައުމުންވެސް ނުކުންނާނީ އުރުގުއާއީ އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.
  • އާބާދީ ކުޑަ ގައުމަކަށް ވިޔަސް، ކޭޕް ވާޑޭއިން ދެއްކީ ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ފަންތީގެ ފުޓުބޯޅައިގެ ހުނަރެވެ.
  • ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޔަމާލް ކުޅެން އެރުމާއެކު ސްޕެއިންގެ ކުޅުމަށް ދިރުން އައި ނަމަވެސް، ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
  • ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި، ކުރިއަށް ހުރި މެޗުތަކުން މޮޅުވުން ވަރަށް ބޮޑަށް މުހިންމުވެއްޖެއެވެ.

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ގާތްގަނޑަކަށް ފަސް ލައްކައިގެ އާބާދީއެއް އޮތް ކޭޕް ވާޑޭއިން، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ އެއްވަރުކޮށްފިއެވެ.

އެޓްލާންޓާގައި ކުޅުނު މި ފޯރިގަދަ މެޗަކީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފުރަތަމަ ވޯލްޑް ކަޕް މެޗެވެ.

ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑޭއަކީ ވޯލްޑް ކަޕަށް ކޮލިފައިވި އާބާދީގެ ގޮތުން ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމުގެ އާބާދީއަކީ އެންމެ ފަސް ލައްކައެއްހާ މީހުންނެވެ.

މިއާ ޚިލާފަށް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް އަދި 47 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭއިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ އޮހިފައެވެ.

މި މެޗުގައި ކޭޕް ވާޑޭގެ ބަތަލަކަށްވީ އެޓީމުގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާއެވެ. ސްޕެއިންގެ ވަރުގަދަ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށް، އޭނާ ވަނީ މުޅި މެޗުގައި ތައުރީފު ހައްގު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފުގައި ސްޕެއިންގެ ފެރާން ޓޮރޭޒަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވާއިރު، މެޗުގެ ފަހުކޮޅު މިކެލް އޮޔާޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާ ކޭޕް ވާޑޭގެ ރޮބާޓޯ ލޮޕޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކޭޕް ވާޑޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން--

މެޗު ނިމެން ކައިރިވެފައިވަނިކޮށް ކޭޕް ވާޑޭއިން ލީޑު ނެގުމާ ދާދި ގާތަށްދިޔައެވެ. ނަމަވެސް އެޓީމުގެ ޑިނޭ ބޯޖަސް ބޮލުން ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޮން ވަނީ ދިފާއުކޮށްފައެވެ.

މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ބާސެލޯނާގެ މެޗެއްގައި ލިބުނު އަނިޔާއަކަށްފަހު ކުޅުމާ ދުރުގައި ހުރި ލަމީން ޔަމާލް، މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނިކުތުމާއެކު ސްޕެއިންގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައެވެ.

ޔޫރޯ 2024 ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި 18 އަހަރުގެ ޔަމާލްގެ މި އަލަތު ވޯލްޑް ކަޕް މެޗާއެކު ސްޕެއިންގެ ސަޕޯޓަރުންގެ ފޯރި ގަދަވި ނަމަވެސް، ކޭޕް ވާޑޭގެ ޑިފެންސް ފޫއަޅުވާލައި މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް އޭނާއަކަށްވެސް ނުވިއެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސްޕެއިން ނިކުންނާނީ ސައުދީ އަަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 21 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 21:00 ގައެވެ.

ސްޕެއިންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ އުރުގުއާއީއާއެވެ. މި ފޯރިގަދަ މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 05:00 ގައެވެ.

ކޭޕް ވާޑޭގެ ދެވަނަ މެޗުގައި ޖޫން 22 ވާ ހޯމަ ދުވަހުގެ ފަތިހު ރާއްޖެގަޑިން 03:00 ގައި ވާދަކުރާނީ ވަރުގަދަ އުރުގުއާއީއާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޭޕް ވާޑޭ ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖެގަޑިން 05:00 ގައެވެ.

comment ކޮމެންޓް