ދިގު އިންތިޒާރެއްގެ ނިމުން، ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ: މި ޚިދުމަތް ރާއްޖެ ގެނައީ އުރީދޫން-- ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖޭގައި ތަޢާރަފުކޮށްދެއްވައިފިއެވެ. މި ޚިދުމަތް ގެނެސްފައިވަނީ އުރީދޫއާއެކު ޤާއިމުކޮށްފައިވާ ޚާއްޞަ ގުޅުމެއްގެ ދަށުންނެވެ. މީގެ ސަބަބުން ދިވެހިރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ހަމައެހެންމެ، މިއީ ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓުތަކަށް ވަދެ، ބައިނަލްއަޤުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމަށް ހުޅުވިގެންދާ ވަރަށް ފަހި ފުރުޞަތެކެވެ.

  • ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި.
  • މި ޚިދުމަތް ތަޢާރަފުކުރީ އުރީދޫގެ ބައިވެރިވުމާއެކު.
  • ޕޭޕަލް އަދި އެމްފައިސާ މެދުވެރިކޮށް އާންމުންނަށް ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ.
  • ބައިނަލްއަޤުވާމީ ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެ.

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ބާސެލޮސް ނަސަންދުރާގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި, ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފައިވަނީ އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފް ކުރުމަށް އުރީދޫން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއީ ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށް، ސީއީއޯ ވިދާޅުވިއެވެ.

އުރީދޫން ކުރިން ބުނި ގޮތުގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ.

ކުރިއަށް ހުރި ވަގުތުތަކުގެ ތެރޭގައި މި ޚިދުމަތް ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު އުރީދޫން ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް