ނިމުނު މެއި މަހު ރާއްޖެއަށް 5.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް (އެތެރެ) ކުރިއިރު 98 މިލިއަން ރިފިޔާގެ މުދާ އެކްސްޕޯޓް (ބޭރު) ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމުނު މެއި މަހު ދައުލަތަށް ވަނީ އިމްޕޯޓް އަދި އެކްސްޕޯޓުކުރި މުދަލުން 322 މިލިއަން ރުފިޔާ ލިބިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ކަސްޓަމުން ނިމުނު މެއި މަހު 5.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ނިމުނު އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައި ވަނީ 4.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ އޭޕްރީލް މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ހަމައެއާއެކު މެއި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާނުންނެވެ. އެއީ ޖުމްލަ 1.1 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެއީ އެތެރެކޮށްފައިވާ މުދަލުގެ 20 އިންސައްތައެވެ. އަދި ޗައިނާއިން 796 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން ވަނީ 750 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
މީގެ އިތުރުން މެލޭޝިއާއިން 444 މިލިއަން އަދި ޔޫއޭއީއިން 367 މިލިއަން ރުފިޔާގެ މުދާ ނިމުނު މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައި ވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން އެ ބާވަތުގެ 1.4 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. އަދި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތީގެ ގޮތުގައި 948 މިލިއަން ރުފިޔާގެ ތަކެތި އިންމޯޓުކޮށްފައި ވާއިރު މެޝީނަރީޒް އަދި އެނޫން ވެސް ބާވަތްތަކުގެ ގޮތުގައި 916 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ހަމައެކަނި މަހުގެ ބާވަތްތަކެވެ. އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅުމަސް ނިމުނު މަހު އެކްސްޕޯޓް ކޮށްފައިވާއިރު 27 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅުބިލަމަސް ނިމުނު މަހު ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ އިތުރުން ކަންނެލީގެ އެކި ބާވަތްތަކުގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.
މުދާ އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކަށް ބަލާއިރު ނިމުނު މަހު 36 މިލިއަން ރުފިިޔާގެ މުދާ އެކްސްޕޯޓުކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ ތައިލެންޑަށް އެކްސްޕޯޓުކޮށްފައި ވާއިރު ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ފްރާންސަށެވެ. އަދި އެއަށްފަހު އިންޑިއާއާއި ޖަރުމަނަށް ވެސް ރާއްޖެއިން ވަނީ މުދާ އެކްސްޕޯޓު ކޮށްފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދަރަނި ބޮޑުވެ، ޑޮލަރުގެ ތާށިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަންނަނީ އިމްޕޯޓް މަދުކުރުމަށް ފިޔަވަޅުތައް ވެސް އަޅަމުންނެވެ.