ނިމުނު މޭ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 1،150 އަޑުއެހުމަކަށް ހާޒިރުވެފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މެއި މަހުގެ ނިޔަލަށް، 1،150 އަޑުއެހުމަކަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެފައިވެއެވެ. އެއީ އޭޕްރިލް މަހު ހާޒިރުވެފައިވާ 2،710 އަޑުއެހުމާ އަޅާބަލާއިރު މަދު އަދަދެކެވެ.
އޭގެ އިތުރުން ޕީޖީ އޮފީހުން ވަނީ މެއި މަހު 143 މައްސަލަ އެ އޮފީހަށް ބަލައިގެންފައެވެ. އަދި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްްގެ މަތިން ލަފާދީފައިވާ ކަމަށާއި އެކި މައްސަލަތަކުގައި 263 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.
އެއާ ޚިލާފަށް އެ އޮފީހުން ވަނީ އޭޕްރީލް މަހު 190 މައްސަލަ ބަލައިގަނެ ތަހުގީގީ އިދާރާތަކަށް 552 ފަހަރެއްގެ މަތިން ލަފާދީ 232 ދައުވާއެއް ކޯޓަށް ހުށަހަޅާފައެވެ. އަދި 2،710 އަޑުއެހުމަކަށް އެ އިދާރާގެ ވަކީލުން ވަނީ އޭޕްރިލް މަހު ހާޒިރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2018 އިން 2021 ވަނަ އަހަރުގެ ނިޔަލަށް ޕީޖީ އޮފީހުން ދައުވާކުރުމާ ގުޅޭ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓުން ހާމަވާ ގޮތުގައި ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު، ޕީޖީ އޮފީހުން ގަވައިދުން މުރާޖައާއެއް ނުކުރެއެވެ.
ނަމަވެސް މި ސަރުކާރު އައުމަށްފަހު ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.