ދައުލަތުގެ އިއްޒަތުގެ ލަގަބު ހަތަރު ބޭފުޅަކަށް އަރުވައިފި

ދައުލަތުގެ އިއްޒަތުގެ ވެރިކަން ލިބިވަޑައިގަތް ހަތަރު ބޭފުޅުން...

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތަރު ބޭފުޅަކަށް ދައުލަތުގެ އެންމެ މަތިވެރި ޝަރަފު ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަރުވާފައެވެ. މި ޝަރަފަކީ ގައުމުގެ ތަޢުލީމީ، ދީނީ، އަދި އިޤްތިޞާދީ ކުރިއެރުމަށް އެ ބޭފުޅުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޝަރަފެކެވެ. ```json

  • ޑރ. މުޙައްމަދު ލަޠީފް: ތަޢުލީމީ ނިޒާމު ޒަމާނީކޮށް މަތީ ތަޢުލީމު ފުޅާކުރުމަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވި ޚިދުމަތް.
  • އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ: އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އަދި ހިސާބު ޢިލްމު އުނގަންނައިދިނުމަށް ކުރެއްވި މަސައްކަތް.
  • ޗަންޕާ ޙުސައިން އަފީފް: ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރަށް ތަރައްގީކުރުމުގައި އަދާކުރެއްވި އިސް ދައުރު.
  • ޗަންޕާ މުޙައްމަދު މޫސާ: ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ އަދި ދީނީ ކަންކަމަށް ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަން.

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

މި ހަތަރު ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި މަތިވެރި އިއްޒަތް އެރުވުނު ބޭފުޅުންނަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުޙައްމަދު ލަޠީފާއި، ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ޗަންޕާ ޙުސައިން އަފީފާއި ޗަންޕާ މުޙައްމަދު މޫސާއެވެ.

ޑރ މުޙައްމަދު ލަޠީފަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވި.... ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ބިންގާ އަޅައި، މަތީ ތަޢުލީމުގެ ދޮރުތައް ހުޅުވައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޑރ. ލަޠީފެވެ.

ޑރ. ލަޠީފްގެ ޚިދުމަތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. މިނިސްޓާ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓާ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއަކަށް އެ މަނިކުފާނު ވެވަޑައިގަތެވެ. ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، މަތީ ތަޢުލީމު ފުޅާކުރެއްވުމަށް ޑރ. ލަޠީފް ކުރެއްވި މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އެގޮތުން، 1998 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ކޮލެޖު ކަމަށްވާ "މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން" އުފެއްދެވުމުގައްޔާއި، ފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި ހުންނަވައިގެން ޔުނިވާސިޓީގެ ހިންގުން ހަރުދަނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ދިވެހި ސިވިލް ސާވިސް ޒަމާނީ ފެންވަރަކަށް ބައްޓަންކުރުމުގައިވެސް ޑރ. ލަޠީފްގެ ދައުރު ބޮޑެވެ. އެ މަނިކުފާނު ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި:

މިނިސްޓާ އޮފް އެޑިޔުކޭޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލާ

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް

އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު

ޚާރިޖީ ދާއިރާގައި މަސައްކަތްކުރެއްވިއިރު، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމުގެ އޮމާން އިސްތިރާޖު ފަރުމާކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސްއިން އެޑިޔުކޭޝަނަލް ޕްލޭނިންގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފާއެކު، ޑރ. މުޙައްމަދު ލަޠީފްގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެންދާނީ ހަމައެކަނި ސިޔާސީ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މިއަދު ރާއްޖޭގައި ފެންނަން އޮތް މަތީ ތަޢުލީމުގެ މުއައްސަސާތަކާއި، ހަރުދަނާ ސިވިލް ސާވިސް ނިޒާމަކީ އެ މަނިކުފާނުގެ ދުރުވިސްނުންފުޅާއި މިންނަތް މަސައްކަތްޕުޅުގެ ދިރިހުރި ހެކިތަކެއް ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރައްވައެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުމަށް ފަހު ރައީސް އާއި އެކު ފޮޓޯއަކަށް ހުއްޓިގެން ... ފޮޓޯ/ ރައީސް އޮފީސް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، އެރުވި މި ޝަރަފަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ ރޮނގުން އޭނާ ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ.

މިސްރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، އިބްރާހީމް ރަޝީދު މޫސާ އެންމެ ފުރަތަމަ ފެނިގެންދިޔައީ މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ ގޮތުގައެވެ. އޭގެ ފަހުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދެވި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ ވުޖޫދަށް ގެނައުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކައެވެ. އެ މުއައްސަސާ ހިންގެވުމާ ހަވާލުވެވަޑައިގެން، ޢަރަބި ބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދެއްވިއެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ލިޔުންތެރިކަމާއި ތަރުޖަމާކުރުމުގެ ރޮނގަކީ އޭނާގެ ޚިދުމަތް އެންމެ ބޮޑަށް ފެނިގެންދިޔަ އެއް ދާއިރާއެވެ. މިގޮތުން 11 ފޮތެއް ތަރުޖަމާކުރައްވައި، 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި ޝާއިޢުކުރައްވައިފައިވެއެވެ. ދިވެހިރާއްޖޭގެ އަޑާއި މަޢުހަދު ގުޅިގެން އުފެއްދެވި "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" ޕްރޮގްރާމުގެ 365 އެޕިސޯޑާއި، "ޤުރްއާނާއި ސައިންސް" ގެ 52 އެޕިސޯޑަކީ އޭނާގެ އަމިއްލަ މަސައްކަތްޕުޅެވެ. މީގެ އިތުރުން، ދިވެހިންގެ މެދުގައި މަޤުބޫލުވި "މުޙައްމަދު ރަސޫލުﷲ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީވެސް އިބްރާހީމް ރަޝީދު މޫސާއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި "އަމާޒު" އަދި "ފަތްތޫރަ" ފަދަ މަޖައްލާތަކަށް ލިޔުއްވައި، އެކި މަގާމުތައް ފުރުއްވިއެވެ. ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު އޭނާ ރަސްމީ ވަޒީފާއިން ވަކިވެވަޑައިގަތީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހުގައެވެ. މިއަދު އޭނާއަށް އެރުވި ނިޝާން ޢިއްޒުއްދީނުގެ ޝަރަފަކީ، އެތައް ޖީލަކަށް ފޯރުކޮށްދެއްވި ޢިލްމީ ތަރިކައިގެ ރަމްޒެއް ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ޙުސައިން ޢަފީފަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ރައީސް އަރުވަނީ.... ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރި ބާނީންގެ ތެރޭގައި ހިމެނޭ ޢަފީފަށް މި ޝަރަފު އެރުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އޭނާ ކޮށްފައިވާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ. ހޮސްޕިޓޭލިޓީ ދާއިރާގެ މިންގަނޑުތައް ހިފެހެއްޓުމަށް އޭނާ ދިން އިސްކަން، އޭނާ ފުރަތަމަ އަދާކުރި ވަޒީފާތަކުން ފެށިގެން މެނޭޖްމަންޓާ ހަމައަށް ކުރި ދަތުރުން ސާބިތުވާ ކަމަށް ރަސްމީ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

ޢަފީފުގެ ވިޔަފާރީގެ މަސައްކަތްތަކުގެ ތެރެއިން ތިމާވެށްޓާ ރައްޓެހި އީޖާދުތައް ފާހަގަކުރެވެއެވެ. އެގޮތުން 2014 ވަނަ އަހަރު މާލެއަތޮޅު ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު ތަރައްޤީކޮށް ހުޅުވިއެވެ. މީގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދުމުގައި އިސްދައުރެއް އަދާކޮށް، މިހާރުވެސް އެ ޖަމުޢިއްޔާގެ ޗެއާމަންގެ މަގާމުގައި ހުރެ، ޔޫރަޕާއި ބައިނަލްއަގުވާމީ މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ.

ފަތުރުވެރިކަމުގެ ބޭރުން، ޞިއްޙީ އަދި މާލީ ދާއިރާއަށްވެސް ޢަފީފް ވަނީ ވަދެފައެވެ. އޭނާގެ ބައިވެރިވުމާއެކު 210 އެނދުގެ ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކޮށް، ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ކްލިނިކް ތަޢާރުފުކުރިއެވެ. ހަމައެއާއެކު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފައްދައި އެ ބޭންކުގެ ޗެއާމަންކަން ކުރުން ހިމެނެއެވެ.

ވިޔަފާރީގެ ކާމިޔާބީގެ އިތުރުން، ބައްޕަގެ ނަމަށް ނިސްބަތްކޮށް އުފައްދާފައިވާ "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ތަޢުލީމީ ސްކޮލާޝިޕްތަކާއި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް އެހީތެރިވެދީފައިވެއެވެ. މީގެ ކުރިން 2013 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ލިބިފައިވާ ޢަފީފަށް މިއަދު އެރުވި ޝަރަފާއެކު، ރާއްޖޭގެ އިގުތިސާދީ ތާރީޚުގައި އޭނާގެ ނަން ވަނީ އިތުރަށް ލިޔެވިފައެވެ.

މުޙައްމަދު މޫސާއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވުނު... ފޮޓޯ/ ރައީސް އޮފީސް

ތުއްޕުޅުއިރުއްސުރެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި މުޙައްމަދު މޫސާ ތަޢުލީމު ހާސިލުކުރެއްވީ އިންޑިއާގެ ޓެމިލްނާޑޫގައެވެ. އެއަށްފަހު ކޮއިންބަތޫރުގެ ކާރުޚާނާތަކުގައި މަސައްކަތް ކުރައްވައި، ޢަމަލީ ތަޖުރިބާ ހޯއްދެވިއެވެ. ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ދަނޑުވެރިކަމަށެވެ. ސަރުކާރުގެ އެގްރިކަލްޗާ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ދަނޑުވެރިންނަށް މާކެޓު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1996 ވަނަ އަހަރު ސަރުކާރުން ވަނީ އެ މަނިކުފާނަށް "ތިމާވެށީގެ ފެހިފަތް" އަރުވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަން މިއަދުގެ ފެންވަރަށް ތަރައްޤީވުމުގައި މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށް ބޮޑެވެ. "ޗަމްޕާ ހޯލްސޭލް" ގެ ނަމުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން ގެންދަވާއިރު، ކ. ތުނބަށްފުށީގައި ތަރުކާރީއާއި މޭވާ ހެއްދެވުމުގެ އިތުރުން ބޯޓުޔާޑެއްވެސް ހިންގަވައެވެ. މީގެ އިތުރުން، އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓާއި ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓް ތަރައްޤީކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި "ޓްރީ ޓޮޕް ހޮސްޕިޓަލް" އާއި "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމުކުރެއްވުމުގައިވެސް އެ މަނިކުފާނުގެ ބައިވެރިވުން ހިމެނެއެވެ.

މީޑިއާގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފްއެމް" އާއި "ދި ޓީވީ" ގެ ބާނީއަކީވެސް އެ އޭނާއެވެ. މީގެ އިތުރުން "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް މުޖުތަމަޢަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. ދެހާސް ބާވީސް ވަނަ އަހަރު ލިބިވަޑައިގަތް "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި މިއަހަރު ލިބިވަޑައިގަތް "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" އިން ދައްކައިދެނީ، އޭނާގެ ޚިދުމަތްތައް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމެވެ.

މި އިއްޒަތަކީ ދިވެހި ދައުލަތުން އަރުވާ އެންމެ މަތިވެރި އެއް ޝަރަފެވެ. މިއަދުގެ ޖަލްސާގައި މި ބޭފުޅުންނަށް އިއްޒަތް އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުން ދިވެހި ގައުމަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ.

comment ކޮމެންޓް