ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކަފިހިހުރަހުން ހުރަސްކުރި ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، އަނިޔާވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 9:26 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާވެފައި ވެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އައިޖީއެމްއެޗުގައި އެ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗުން 'ސަން'އަށް މިއަދު ބުނީ، އެ މީހާއަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.