ބީއެމްއެލަށް ފިޗުގެ ސްޓޭބަލް އައުޓްލުކާއެކު ސީސީސީ - ރޭޓިން ދީފި

ރައީސް މުއިއްޒާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް:ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ ފިޗުން ބޭންކް އޮފް މޯލްޑިވްސްއަށް 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ-' ގެ ރޭޓިންގް ދީފިއެވެ. މީގެ އިތުރުން ލޯކަލް ކަރަންސީ ރޭޓިންގްގެ ގޮތުގައި 'ސީސީސީ+' ލިބިފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ މިންވަރެކެވެ. މިއީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، ރާއްޖޭގެ އިގުތިސާދުގައި އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެކެވެ. ދައުލަތުން ސުކޫކް ދެއްކުމާއި ސަރުކާރުގެ އިގުތިސާދީ އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ސޮވްރިން ރޭޓިންގް މަތިވުމަކީވެސް މި ކުރިއެރުމަށް ބާރުއެޅި ކަމެކެވެ.

  • ފިޗުން ބީއެމްއެލްއަށް 'ސީސީސީ-' ރޭޓިންގް ('ސްޓޭބަލް އައުޓްލުކް' އާއެކު) ދީފިއެވެ.
  • ލޯކަލް ކަރަންސީ ރޭޓިންގް އަކީ ދައުލަތަށްވުރެ 2 ދަރަޖަ މަތިން 'ސީސީސީ+' އެވެ.
  • ދައުލަތުން ސުކޫކް ދެއްކުމާއި ސަރުކާރުގެ އިސްލާހުތަކުގެ ސަބަބުން ބޭންކުގެ ރޭޓިންގްއަށް ފައިދާކުރިއެވެ.
  • ބޭރު ފައިސާގެ ދަތިކަން ހުރިނަމަވެސް ބޭންކުގެ ލިކުއިޑިޓީ އަދި ޑިޕޮސިޓް ބޭސް ވަރަށް ވަރުގަދައެވެ.
  • މިއީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި މާކެޓުގެ ލީޑަރޝިޕް ކަށަވަރުކޮށްދޭ ކަމެއްކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސީސީސީ- ކްރެޑިޓް ރޭޓިން ދީފިއެވެ.

ބީއެމްއެލްއިން މިއަދު ބުނި ގޮތުގައި ފިޗުން ބީއެމްއެލްއަށް ދީފައިވަނީ 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ-' ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންއެކެވެ. މީގެ އިތުރުން، ލޯކަލް ކަރަންސީ ލޯންގް ޓާމް ރޭޓިންގްގެ ގޮތުގައި 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.

ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ރޭޓިންގް ދީފައިވަނީ މިިދިޔަ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންގްއަކީ ބޭންކުން މާކެޓުގައި ހޯދާފައިވާ ކުރިއެރުމާއި، ބޭންކުގެ ރައުސުލްމާލުގެ ވަރުގަދަކަމާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާގެ ރަނގަޅު ހެއްކެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަަދު ޝަރީފް: -- ފޮޓޯ/ ބީއެމްއެލް

"ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގް އާންމުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، މާކެޓުގައި އަޅުގަނޑުމެންގެ ލީޑާޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުންދާކަން. މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި، ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކުދި ޖަޒީރާ ގައުމެއްގައި އިގުތިސާދީ ގޮންޖެހުންތަކާއެކު ވެސް ބޭންކުން ދަމަހައްޓަމުންދާ ސާބިތުކަން މިއިން ދޭހަކޮށްދޭ ކަމަށެވެ.

ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގުތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ގޮފިތަކުގެ ވިއުގައާއި، ޑިޖިޓަލް ބޭންކިންގް ޕްލެޓްފޯމްތަކުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކާއެކު އޮތް ގާތް ގުޅުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ މައި އެއް ތަނބުގެ ގޮތުގައި އެ ބޭންކު ދެމިއޮތް ސަބަބެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމަންޓާއި، ރަނގަޅު ކެޕިޓަލް މެނޭޖްމަންޓަކީ ބޭންކުގެ މާލީ ހާލަތު ދައްކުވައިދޭ މުހިންމު ސަބަބުތަކެއް ކަމަށް ފިޗުން ދެކެއެވެ.
ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވެސް ފިޗުން ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ފަންޑިންގ އަދި ލިކުއިޑިޓީއަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކު ވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައާއި، އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އިން އަދާކުރަނީ މުހިންމު ދައުރެކެވެ.

ޖުމްލަގޮތެއްގައި، ފިޗްގެ މި ރޭޓިންގްތަކުން ފެނިގެންދަނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ރަނގަޅުކަމާއި، މާކެޓުގައި އޮތް ވަރުގަދަ މަގާމެވެ.

ބޭންކުގެ މާލީ ގާބިލުކަން ހުރި ނަމަވެސް، ރާއްޖޭގެ ހުރިހާ މާލީ އިދާރާތަކެކޭ ވެސް އެއްފަދައިން، ކްރެޑިޓް ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ އޮނިގަނޑުގެ މައްޗަށެވެ.

comment ކޮމެންޓް