މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މިރޭ ވަނީ، މެންދަމު 2:30ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލެއް ނެރެފައެވެ.
އެ އިދާރާއިން ވަނީ އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަައެވެ.
މިއަދު މޫސުން ގޯސްވުމުން، އެ އިދާރާއިން އޮތީ މެންދުރު 13:15އިން 16:00އަށް، ގއ. އަތޮޅުން ގދ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ވަނީ، މި ހިނގަމުންދާ ޖޫން މަހު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދު މިންވަރަކަށް ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި އެހެން ހިސާބުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ޖޫން މަހު ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށް އެ އިދާރާއިން އޮތީ ލަފާކޮށްފައެވެ.
މި މަހު ފިނިހޫނުމިނަށް ބަލާއިރު، މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން ވަނީ މި މަހު, ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މެއި މަހަށް ވުރެ މަދުވި ނަމަވެސް، އަންނަ ޖުލައި މަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.