ހިޒްބުالله އާ ދެކޮޅަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެކަމަށް ނަތަންޔާހޫ ބުނެފި

ލުބުނާނުގެ މަޝްޣާރާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ގެތަކެއް. ފޮޓޯ/ބީބީސީ

އިސްރާއީލާއި ލުބުނާނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ހިޒްބުالله އަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގަވާފައެވެ. އިސްރާއީލުން ލުބުނާނުގެ ބެކާ ވާލީ ފަދަ ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދީފައިވާއިރު، ހިޒްބުالله އިން ވެސް ދަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާތައް ދެމުންނެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލަން ދެކޮޅުހަދާފައެވެ. މި ކުރިމަތިލުންތަކުގައި ލުބުނާނުން ގިނަ ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންވެސް ހިމެނެއެވެ.

  • އިސްރާއީލުގެ ބޮޑުވަޒީރުގެ އަމުރަށް، އަސްކަރިއްޔާއިން ހިޒްބުالله ގެ 100 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފިއެވެ.
  • ހިޒްބުالله އިން ރައްދުގައި 22 ޑްރޯން އަދި ރޮކެޓް ހަމަލާ އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ދީފިއެވެ.
  • ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ދެކޮޅުހަދައެވެ.
  • މިހާތަނަށް ލުބުނާނުން 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުގެ 10 ސިފައިންވަނީ މަރުވެފައެވެ.
  • ދެކުނުގެ ނަބާތީއަށް ހަމަލާ އަމާޒުވާނެތީ އެ އަވަސް ހުސްކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަންގާފައެވެ.

ހިޒްބުﷲއަށް އިސްރާއީލުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ އިރުމަތީގައި އޮންން ބެކާ ވާލީ އާއި އެގައުމުގެ އެހެން ހިސާބުތަކަށް ހިޒްބުالله އަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އައިޑީއެފް އިން ބުނި ގޮތުގައި ހިޒްބުاللهގެ 100 އަށް ވުރެ ގިނަ އިންފްރާސްޓްރަކްޗާ ސައިޓްތަކަށް ވާނީ ހަމަލާދީފައެވެ.

ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެކާ ވާލީގެ މަޝްޣާރާ އަވަށަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެފައިވެއެވެ.

އެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ތާއީދު އޮންނަ ލުބުނާނުގައި ޝިޔައީ މުސްލިމް ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ބުނީ 22 ޑްރޯން އަދި ރޮކެޓް ހަމަލާ ދީފައިވާ ކަމަށާއި އެ ޖަމާއަތުގެ އަމާޒުތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިންނާއި ޓޭންކްތަކާއި އިމާރާތްތައް ހިމެނޭ ކަމަށެވެ.

އިސްރާއީލުން ހަމަލާތަކެއް ދިން ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަތީހް އިން ދުން އަރަނީ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެކުނުގެ ނަބާތީއަށް ހަމަލާ އަމާޒުވާނެތީ އެ އަވަސް ހުސްކުރަން އަންގާފައެވެ.

ހަމަލާތައް ދިނުމުގެ ކުރިން ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވަނީ އިސްރާއީލުން ހިޒްބުالله އާއި ހަނގުރާމަ ކުރަމުންދާ ކަމަށާއި އެމީހުންނަށް ބޮޑު ގެއްލުމެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ ކުރީކޮޅު ލުބުނާނާއި އިސްރާއީލުން ވަނީ އޭޕްރީލް މަހުގެ މެދުތެރޭގައި ފެށި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު 45 ދުވަހަށް އިތުރުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އިސްރާއީލާއި ހިޒްބުﷲ އިން އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުގެ ކެމްޕޭން ފުޅާވެގެން ދިޔައީ އެމެރިކާއާއި އީރާނު ހަނގުރާމަ ނިމުމަކަށް ގެންނަ ސުލްހައިގެ އެއްބަސްވުމުގައި ސަރަހައްދީ ހަނގުރާމައިގެ ހުރިހާ ފަރާތަކުން ހަނގުރާމަ މުޅިން ހުއްޓާލުން ހިމަނަން ޖެހޭ ކަމަށް އީރާން ސަރުކާރުން ބުނުމާ ގުޅިގެންނެވެ.

ނަމަވެސް ހިޒްބުالله އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ލުބުނާނާއެކު ފުރަތަމަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުގެ ދިހަ ސިފައިން ވަނީ މަރުވެފައެވެ. ހަމަ އެ މުއްދަތުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ލުބުނާނުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޕެރެމެޑިކްސް އާއި އެމަޖެންސީ ސާވިސްގެ ގިނަ މަސައްކަތްތެރިންތަކެއް ހިމެނެއެވެ.

comment ކޮމެންޓް