ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ފިރިމީހާ/އެކްޓަރު ރަންވީރު ސިންގް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން ބަތަލާ ހަނުހުރުމުން އާއްމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދީފިއެވެ.
ފިލްމު "ދުރަންދަރު 2"ގައި ރަންވީރު ކުޅުނު ކެރެކްޓާއަށާއި އެ ފިލްމުގެ މޮޅުކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވި ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބައެއްގެ ތައުރީފު ރަންވީރަށް އަންނަނީ އޮހެމުންނެވެ.
ނަމަވެސް ދީޕިކާގެ ފަރާތުން ރަންވީރަށް ތައުރީފުކޮށް ނުވަތަ އެ ފިލްމަށް ވެސް ތައުރީފުކޮށް ސޯޝަލް މީޑިއާގައި އެއްޗެއް ބުނެފައި ނުވާތީ ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާއަށް އަމާޒުކޮށް ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން ބައެއް މީހުން ދިޔައީ މި ދެމަފިރިންގެ ގުޅުމާ މެދު ވެސް ތަފާތު ޝައްކުތައް ކުރަމުންނެވެ.
މިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހަނުހުރުމަށްފަހު ދީޕިކާ ވަނީ ދާދިފަހުން އިންސްޓަގްރާމްގައި ބަޔަކު މީހުން ޕޯސްޓުކުރި ރީލްއަކަށް ކޮމެންޓްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދީޕިކާ ކޮށްފައިވާ ކޮމެންޓް ފެންނަ ޕޯސްޓެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
"ފަސްސަތޭކަ ކްރޯޑްގެ ބަޖެޓަކުން އުފެއްދި ފިލްމަކަށް ދީޕިކާ މިވަނީ 'ސައިލެންޓް ޓްރީޓްމަންޓް' އެއް ދީފަ. 'ދުރަންދަރު 2' ދުނިޔޭގެ ރެކޯޑުތައް މުގުރަމުންދިޔައިރު، ދީޕިކާ ވަނީ ފިލްމުގެ ޕްރިމިއާ ދޫކޮށްލުމަށްފަހު އޭނާގެ ފިރިމީހާގެ އާއިލާއާ އެކު މިއުޒިކް ކޮންސަޓަކަށް ގޮސްފައި. އެއްވެސް ޕޯސްޓެއް ނެތް. އެއްވެސް ތައުރީފެއް ނެތް. މިއީ ޑައިރެކްޓަރާ މެދު ހިތްހަމަނުޖެހިގެން ކުރާ ކަމެއް ހެއްޔެވެ؟ ނޫނީ ސޯޝަލް މީޑިއާގެ ޑްރާމާތަކުން ސަލާމަތްވާން ކުރާ ކަމެއް ހެއްޔެވެ؟" އެ ރީލްގެ ކެޕްޝަނުގައި ލިޔެފައިވެއެވެ.
މި ކޮމެންޓަށް ރައްދުދެމުން ދީޕިކާ ބުނެފައި ވަނީ، އޭނާ އިހުތިޔާރުކުރީ ސޯޝަލް މީޑިއާގެ ޑްރާމާތަކުން ސަލާމަތްވުން ކަމަށާއި އެ އެންމެނަށްވުރެ މާކުރިން "ދުރަންދަރު 2" އޭނާ ބަލައިފައިވާ ކަމަށެވެ. ހަމައެއާއެކު ދީޕިކާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކިޔުނު ފާޑުކިޔުންތައް މިހާރު ބޮޑު ޖޯކަކަށްވެއްޖެ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.
ދީޕިކާގެ މި ރައްދާއެކު ގިނަ ބަޔަކު ވަނީ ބަތަލާއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ފިލްމުގެ ޕްރިމިއާގައި ފިރިމީހާއަށް ލިބެންޖެހޭ ސަމާލުކަން ކުޑަވެދާނެތީ ދީޕިކާ ޕްރިމިއާއަށް ނުދިޔައީ ކަމަށް ބައެއް މީހުން ބުނެފައިވާއިރު، އަނެއް ބަޔަކު ބުނެފައި ވަނީ ދީޕިކާ އުޅެނީ ދަރިފުޅުގެ ކަންތައްތަކުގައި އަވަދިނެތި ކަމަށެވެ. އަދި ފިރިމީހާއާ އޮންނަ ގުޅުން ސޯޝަލް މީޑިއާގައި ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ފިލްމު "ދުރަންދަރު" އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ދުނިޔޭގެ ބާޒާރުގައި 1,300 ކްރޯޑް ރުޕީސް ލިބިފައިވާއިރު، އެ ފިލްމުގެ ދެވަނަ ބަޔަށް މިހާތަނަށް 1،637.56 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
ދީޕިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު އެޓުލީ ގެނެސްދޭ ފިލްމު "ރާކާ" އަދި ޝާހްރުކް ޚާންއާއެކު މަސައްކަތްކުރާ ފިލްމު "ކިންގް"އިންނެވެ.