ޚާއްސަ އެޕަކާ އެއްކޮށް، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ކަމަށްވާ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި
މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މިހާރު ވަނީ ގެނެސްފައެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ވަނީ ގެނެސްފައެވެ.
އެގޮތުން މި ޓެކްސީ ލައިންގައި ބޭނުންކުރާނީ:
- ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު
- ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ، މިރޭ ފެށި ޓެކްސީ ލައިން ޚިދުމަތަކީ އަންނަން ހުރި ޖީލުތަކަށް މި ސަރުކާރުން ގެނެސްދިން ހައްލެއް ކަމަށެވެ. ސަޢުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ހުރިހާ އެ ޚިދުމަތްދޭ ހުރިހާ ޑްރައިވަރުން ތިބީ ތައްޔާރަށް ކަމަށެވެ.
މިހާރުވެސް ފުޅާ ދާއިރާއެއްގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެމްޓީސީސީން ދޭކަން އޭނާ ފާހަގަކުރައްވިއެވެ.
"އަޅުގަނޑަށް ދަންނަވާލަން ބޭނުންވަނީ މިރޭ މި އިފްތިތާހުކުރެވޭ މާލޭ ޓެކްސީ ލައިންގެ ޚިދުމަތްދިނުމުގައި ތިޔަ ބޭފުޅުން ސާބިތުވެ ތިއްބަވާށޭ، ހޯއްދަވާ ކޮންމެ ބޭފުޅަކަށްވެސް ހިނިތުންވުމާއެކު ޚިދުމަތް ދިނުމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރާށޭ،" ޑްރައިވަރުންގެ ފަރާތުން ސަޢޫދީ އެދިވަޑައިގަތެވެ.
ސަރުކާރުން މިރޭ ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ.
އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.