ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ މި ދެ ފައިނޭންޝަލް ކޮންސެޕްޓްގައި ހުރި ތަފާތުތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު އޮޅުންފިލުވައިދީފައެވެ. ބޭންކުގެ މާލީ ހާލަތު މިހާރު އޮތީ ރެކޯޑް މިންވަރަކަށް ކުރިއަރާފައި ކަމަށާއި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ފުރިހަމައަށް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރު ފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަށް ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ. ނަމަވެސް، މިއީ ބޭންކުން ޔޫއެސް ޑޮލަރު ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫން ކަމަށް ބޭންކުން ސާފުކޮށްދެއެވެ.
މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނު ދޫކުރުން ފަދަ ކަންތައްތައް ވަކި މުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ މުޅިން ތަފާތު މަގުސަދުތަކެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް:--- ފޮޓޯ/ ބީއެމްއެލް
ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބީއެމްއެލްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށް މިންވަރެއްގައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ އެންއޯޕީ ވަނީ މައިނަސް 20 އިންސައްތައަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓިފައެވެ. މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކާފައިވާ ކަމެވެ. އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ، ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ، އެ އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުންނަށް ފައިސާ ދޫކުރުމުގެ ގާބިލުކަން ނެތުން ނޫން ކަމަށް ބޭންކުން ތަކުރާރުކޮށް ފާހަގަކުރެއެވެ.
އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާއެކު މުހިންމު ފިޔަވަޅުތަކެއް އެޅި ކަމަށް އެ ބޭންކުން ބުންޏެވެ. މިގޮތުން ކުރެވުނު މުޢާމަލާތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގް ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ބަދަލު ކޮށްފައި ކަމަށް ބޭންކުން ބުންޏެވެ. އޭގެ ފަހުން މި އަހަރުގެ ތެރޭގައިވެސް ބޭންކުގެ އެންއޯޕީ ވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މާ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔަ އަހަރު ވިއްކާފައިވާކަން ބޭންކުން ހާމަކުރެއެވެ. މީގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށާއި، ބޭސްފަރުވާއާއި ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔަ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިން ވަސީލަތްތަކާއި، ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއެކު ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާ ކަމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެއެވެ. ޚާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވާކަން ބޭންކުން ފާހަގަކުރެވެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ނެޓް ލޯން ޕޯޓްފޯލިއޯ ވަނީ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައި ކަމަށް ބޭންކުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް މިދިޔަ އަހަރު ހޯދާފައިވާއިރު، މިއީ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، އަދި ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށެވެ. ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި ބޭންކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަކީ ބޭންކުގެ އެންމެ އިސް އެއް އަމާޒު ކަމަށް ވެސް ބުންޏެވެ.