ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ޕާކިސްތާނުގައި

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް. މެދުއިރުމަތީގެ ހަނގުރާމައިގެ މަޝްވަރާތައް ޕާކިސްތާނުގައި ބާއްވަން ވަނީ ނިންމާފައި. ފޮޓޯ/އެރެބް ނިއުސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ވަނީ ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް ފަށާފައެވެ. މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާއިރު، މައިގަނޑު މަގުސަދަކީ ހަނގުރާމަ ވަގުތުން ހުއްޓާލައި، ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރުމެވެ. ޕާކިސްތާނުގެ ފަރާތުން އިސްކޮށް މި މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ ޚާރިޖީ ވަޒީރު އިސްހާގު ދާރު ކަމަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް މި މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

  • ޕާކިސްތާނުގައި ސައުދީ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ހައްލެއް ހޯދުމަށް.
  • ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި.
  • ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ރައްދު ދީފައިވީ ނަމަވެސް، މަޝްވަރާތަކަށް ތައްޔާރުކަން އަދި ކަށަވަރު ނުވާކަމަށް މައުލޫމާތު ލިބޭ.
  • ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް 1900 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އީރާނުގެ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ (رحمه الله) ވެސް ވަނީ އަވަހާރަވެފަ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ޕާކިސްތާނުގައި ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މިއަދާއި މާދަމާ އިސްލާމްއާބާދުގައި ވަޒީރުން ބައްދަލުކުރައްވައި، ހަނގުރާމައާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި އިސްކޮށް އިންނަވާނީ ޚާރިޖީ ވަޒީރު އިސްހާގު ދާރެެވެ. އޭގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާވެސް ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ކުރިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާއެކު ގަޑިއިރަކަށްވުރެ ގިނައިރުގެ ފޯނު ކޯލެއް ކުރެއްވި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެދުވެރިއެއްގެ މަސައްކަތްތަކަށް އެހީތެރިވުމަށް އިތުބާރު އުފެއްދުމުގެ ބޭނުންތެރިކަން އެ ފޯނުކޯލުގައި ޕެޒެޝްކިއަން ފާހަގަކުރެއްވި ކަމަށެވެ.

މަޝްވަރާ ބައްދަލުވުން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ ތުރުކީގައެވެ.

ވަޒީރުންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާިއރު، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ ހުށަހެޅުމަށް ދޭނެ ރައްދު ފާސްކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކާ ހަވާލާދީ ޓީއާރްޓީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން މި ހަފްތާގައި އެމެރިކާއެކު މަޝްވަރާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައަށް މަސް ދުވަސްވީއިރު، މުޅި ދުނިޔޭގެ އިގްތިސާދަށް އެކަމުގެ އަސަރު އަންނަނީ ކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމެއް ހަދަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މަޝްވަރާތަކަށް ތައްޔާރު ނޫން ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ.

މަސް ދުވަހުގެ ހަނގުރާމައިގައި އީރާނުގެ 1900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން އެންމެ ފުރަތަމަ ދިން ހަމަލާގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ އަަވަހާރަކޮށްލާފައެވެ.

comment ކޮމެންޓް