ދައުލަތުގެ ދެ ބާރު ކަމަށްވާ ރައީސުލްޖުމްޙޫރިއްޔާ އަދި ގާނޫނު ހަދާ މަޖިލީހުގެ ދައުރު އެއްކޮށް ފަށައި، އެއްކޮށް ހުސްވާ ގޮތް ހެދުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު އެކީހެން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ޚިޔާލު ހޯދާ ވޯޓު ނެގުމަށް މިހާރު އެދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ރެފަރެންޑަމަކަށް ދިޔުމަށް އެކަށީގެންވާ ވަގުތު، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ނުދޭ ކަމަށް ބުނެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔައި، ނުރުހުންފާޅުކުރަމުންނެވެ.
އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީ އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފް ވެސް ހިމެނެއެވެ.
ރޭ ޕީއެންއެފުން ބޭއްވި 'ޗަގޯސް ޖަލްސާ'ގައި ޔާމީން ވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޚުލާސްތެރިކަމެއް ހުރިނަމަ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ހަގީގީ ސަބަބު ކިޔައިދޭން އެދިވަޑައިގެންފައެވެ. އަދި ޚަރަދުކުޑަކުރުމަކީ އޭގެ ހަގީގީ ސަބަބެއް ނޫންކަމާއި، ޚަރަދުކުޑަ ކުރާނަމަ ފުރަތަމަ ކުރަންޖެހޭ އެތައް ކަމެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަމުގެ ހަގީގީ ސަބަބު ކިޔައިނުދޭ ކަމަށްވާނަމަ، އެއީ އޭގެ ޒާތުގައި ބޮޑު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ގައުމުގެ އެންމެ މުހިންމު މީހަކީ ރައީސުލްޖުމްޙޫރިއްޔާއެއް ނޫން ކަމަށެވެ. އަދި ގައުމެއްގެ އެންމެ މުހިންމު ބަޔަކީ ޚުދު ރައިސުލްޖުމްޙޫރިއްޔާ ވެސް ޖަވާބުދާރީކުރުވާ ބައެއް ކަމަށާއި، އެއީ ރައްޔިތުންގެ މަންދޫބުން ކަމަށްވާ ރައްޔިތުންގެ މަޖިލިސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ އަމިއްލަފުޅަށް ކުރެވޭ އެންމެ ކަމެއް ވެސް، ދިވެހިރާއްޖޭގެ ދުސްތޫރަކު މިވަގުތު ނޯންނާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އާބަސް ނޫނީ މަޖިލީހުގެ ބަހެއް ނުހޯދާ ކުރެވޭ އެންމެ ކަމެއް ވެސް ނޯންނާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން، ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މޫސާ ނަދީމް
މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްޙޫރިއްޔާ ގަރާރެއް ނެރުނު ނަމަވެސް އެ ގަރާރަށް ސައްހަކަމެއް ލިބެނީ ރައްޔިތުންގެ މަޖިލީހުން އެއަށް އާނއެކޭ ބުނުމުން ކަމަށެވެ. އެކަން ވެސް ރައްޔިތުންގެ މަޖިލީހުން ބަލައި، މުރާޖައާކޮށް، ބާތިލުކުރާނަމަ ބާތިލުކުރުމުގެ ބާރު ވެސް އޮންނާނެކަން އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްޙޫރިއްޔާއަކަށް އޭގެ ޒާތުގަ 'އެބްޒޮލިއުޓް' އެއްވެސް ބާރެއް ނުލިބޭކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ގައުމު ހިންގަން ބޭނުން މިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން. ރައީސުލްޖުމްޙޫރިއްޔާއަށް ލިބޭތޯ އެ ބާރު؟ ނުލިބޭ ދެއްތޯ؟ އެމަނިކުފާނު ނޮމިނޭޓްކުރާ މީހުންތަކަކަށް ރައްޔިތުންގެ މަޖިލީހުން އާނއެކޭ ބުނިއްޔާ ނޫނީ ވަޒީރުކަމުގެ މަސްއޫލިއްޔަތު ނުއުފުލޭ. އެހެންވީމަ ރައީސުލްޖުމްޙޫރިއްޔާއަކީ އޭގެ ޒާތުގައި އަމިއްލަފުޅު އެއްވެސް ބާރެއް އޮތް ބޭފުޅެއް ނޫން، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް
އެހެންކަމުން އެންމެ ބާރުގަދަ ބަޔަކަށް ވަނީ ރައްޔިތުން ކަމަށާއި، އެހުރިހާ ކަމެއް ނިންމާ ބަޔަކަށް މި އޮންނަނީ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން ޔާމީން ފާހަގަކުރެއްވިއެވެ. ކަން އެހެން އޮތުމުން ރައީސުލްޖުމްޙޫރިއްޔާ ނެތް ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހެއް ގައުމުގައި އޮންނަން ޖެހުން މުހިންމުވާކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ރެފަރެންޑަމް ވޯޓަކީ، ދައުރު ހުސްނުވެ އޮންނަ ރައްޔިތުންގެ މަޖިލީހެއް، ދެން އެގޮތަށް ނޯންނާނެ ހާލަތެއް މެދުވެރިކުރުވާނެ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެއީ އެ ވޯޓަށް ނޫނެކޭ ބުނަންޖެހޭ ސަބަބު ކަމަށް ޔާމީން ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ރައީސުލްޖުމްޙޫރިއްޔާއަކަށް ހުންނަ ބޭފުޅާގެ ދައުރު ހުސްވެ، މަޖިލީހުގެ ދައުރު ހުސްވާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އޭރުން ރައީސުލްޖުމްޙޫރިއްޔާ ކަމެއް ގޯސްކޮށް ކުރިޔަސް، އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަލައި، ޖަވާބުދާރީކުރެވޭނެ އެއްވެސް ވަރެެއްގެ 'މޯޓިވް' އެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްޙޫރިއްޔާގެ ދައުރު ހުސްވާއިރުވެސް ދައުރު ހަމަނުވާ މަޖިލީހެއް އޮތުން މުހިންމުވަނީ އެ ސަބަބަށްޓަކައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ދައުރު ހުސްވެގެންދާއިރު ވެސް މަޖިލީހެއް އޮންނަންޖެހޭ ސަބަބަކީ، ފަހު ނޭވާ ލެވެންދެން ވެސް، ނޫނިއްޔާ ސަންދޯކުގެ އެންމެ ފަހު މޮހޮރު ޖަހަންދެން ވެސް ރައީސުލްޖުމްޙޫރިއްޔާ ރައްޔިތުންނަށްޓަކައި އެކުރާ ކަމަކީ ގާނޫނުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތަށްޓަކައި ކުރާ ކަމެއްތޯ ބެލުމަށް އޮންނަ ހަމައެކަނި ބާރަކީ ގާނޫނީ ފަރުވާއަކީ ރައްޔިތުންގެ މަޖިލީހަށް ވާތީ. ޖުޑިޝަރީއެއް ވެސް ނޫން. އެހެންވެގެން ރައްޔިތުންގެ މަޖިލިސް އޮންނަން ޖެހެނީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް
ޔާމީން ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ، އޭގެ ޒާތުގައި ހަދާ ބޮޑު ގޯހެއް ކަމަށެވެ. އަދި އެކިކަހަލަ ބައިވަރު ގާނޫނީ މައްސަލަތައް ފެންމަތިވެ، ގައުމީ މަސްލަހަތު ދަމަހައްޓައިދޭނެ އެއްވެސް ފަރާތެއް ނެތި، ގައުމުގެ މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށް ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ސިފަކުރެއްވި ގޮތުގައި އެއީ "ގައުމަށް އޮތް ބޮޑު ނުރައްކަލެއް"ކެވެ.
މި މައްސަލައާ ގުޅިގެން ޔާމީނާއި އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ދަނީ އޭޕްރީލް ހަތަރެއްގައި ނަގާ ރެފަރެންޑަމް ހުއްޓުވަން މަސައްކަތްކުރަމުންނެވެ. އެ ޕާޓީގެ ފަރާތުން ވޯޓު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، އެމްޑީޕީއަށް ނިސްބަތްވާ ގާނޫނީ ވަކީލުންތަކެއް ވެސް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އޭގެން އެއް މައްސަލަ ބޭރުކޮށްލިއިރު އަނެއް މައްސަލައިގެ އަޑުއެހުން ނިމި، ދެން އޮތީ ހުކުމްކުރުމެވެ.