މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާ ލިބެނީ ސިޔާސީންނަށް ކަމަށާއި، އިގުތިޞާދީ ގޮތުންނާއި ގައުމުގެ ހަމަޖެހުމަށް އެކަމުން ކުރާނެ އެއްވެސް މަންފާއެއް ނެތް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) ރޭ ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިޚާބު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން 'ޕޮލިސީ އެމްވީ'އިން "ސިޔާސާތު ޚާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން އަޙްމަދު ވަނީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި އަވަސް އަރުވާލައިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ
އަޙްމަދު ވިދާޅުވީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވާ ވާހަކަ އަވައްޓެރި އިންޑިއާގައި ދެކެވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، އަދިވެސް އެކަމާ މެދު ބަހުސްކުރެވި، މަޝްވަރާކުރަމުން އިންޑިއާއިން އަންނަ ކަމަށެވެ.
"ހަމަ ގާނޫނެއް ފާސްކޮށްލައި ތިމަންނާމެންނަށް ދެން މިއަށް ވުރެ މޮޅު ގޮތެއް ނޯންނާނެ ކަމަށް ބުނެ، ހުރިހާ ދާއިރާއަކުން ވަށައިޖެހޭ ގޮތަށް ކަންތައްތައް ނުބަލައި، ކަންކަން ފާސްކުރީމަ ގޯހުން ގޯހަށް މި ދަނީ، އަދިވެސް މި ހަދަން އުޅެނީ ވަރަށް ބޮޑު ގޯހެއް،" މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް މަޖިލީހުން މިދިޔަ ފެބްރުވަރީ މަހު ފާސްކުރިކުރުމަށް އިޝާރާތްކުރައްވައި އަޙްމަދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އިންތިޚާބުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި އަޙްމަދު ވިދާޅުވީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ބުރަށާއި، އޭގެ ހަ މަސް ފަހުން 2024ވަނަ އަހަރުގެ އޭޕްރިލް މަހު ބޭއްވި މަޖިލީޙުގެ އިންތިޚާބަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 147 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށެވެ. އެ އަދަދަކީ މިއަހަރުގެ ބަޖެޓުން ބަލާނަމަ، ބަޖެޓުގެ އެއް ޕަސެންޓުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ދަށް އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން ސަލާމަތްކުރަން އުޅޭ އަދަދުތޯ އަޙްމަދު ސުވާލު އުފެއްދެވިއެވެ.
"އާބާދީގެ ނިސްބަތުން ބަލާނަމަ، ބޮލަކަށް މި ޖެހެނީ 147 ރުފިޔާ، ހަތަރުލައްކަ މީހުންނަށް ބަހައިފިއްޔާ މި ޖެހެނީ 386 ރުފިޔާ، ޑިމޮކްރަސީގެ ކޮސްޓް ބޮޑުވެގެންތޯ މިއުޅެނީ؟ މި ދެ އިންތިޚާބަށް ކުރި ޚަރަދު ފަސް އަހަރަށް ބަހައިލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ، ކޮންމެ ދުވާލަކަށް ބަހައިލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް މި ޖެހެނީ ދުވާލަކަށް 20 ލާރި، ވިހި ލާރި ޚަރަދު ނުކުރެވިގެންތޯ އަޅުގަނޑުމެން މިއުޅެނީ؟" އަޙްމަދު ސުވާލު އުފެއްދެވިއެވެ.
އާންމުގޮތެއްގައި ބާއްވާ އިންތިޚާބުތަކަށް މައިގަނޑުގޮތެއްގައި ޚަރަދުކުރަނީ އިދާރީގޮތުން އިންތިޒާމުތައް ހަމަޖެއްސުމަށާއި އިންތިޚާބަށް ބޭނުންވާ ތަކެތި ހޯދުމަށް ކަން އަޙްމަދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންތިޚާބުގެ ބަޖެޓުގެ 72 އިންސައްތަ އެކަމަށް ޚަރަދުވާ ކަމަށެވެ. އެއަށްފަހު، އިންތިޚާބުގެ އޮފިޝަލުންނަށް 17 ޕަސެންޓު ޚަރަދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް، އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުންގެ އަދަދު މަދުނުވާ ކަމަށާއި، އެހެންވީމާ ޚަރަދުތައް ކުޑަނުވާ ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އުނިވަނީ އިންތިޚާބުތަކަށް ކުރާ ޚަރަދުގެ ހަތަރުބައިކުޅަ އެއްބައެވެ. އެހެންކަމުން އިގުތިޞާދީގޮތުން ކުރާ ފައިދާއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއްކޮށްލީމައި މަންފާކުރަނީ ދިވެހި ރައްޔިތުންނަކަށްނޫނޭ، މަންފާކުރަނީ ސިޔާސީންނަށް، ދެ އިންތިޚާބު އެއްކޮށްލީމައި ވާގޮތަކީ ސިޔާސީން ރައްޔިތުން ގާތަށް ގޮސް ދެ ފަހަރު ޚަރަދުކުރަންޖެހޭ ކުރުން އުނިވެގެންދަނީ، އެއް ފަހަރު ޚަރަދުކުރަން ޖެހޭނީ، އޭގެ މިސާލެއްނޫންތޯ މިހާރު ރާއްޖޭގައި ހަރަކާތްތެރި ސިޔާސީ ޕާޓީތައް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން އެތިބީ މިކަމަށް ތާއީދުކޮށްގެންނޭ، އެ މީހުންނަށޭ މީގެ ފައިދާ އޮތީ،" އަޙްމަދު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ވިސްނާލަންޖެހޭ، އިގުތިޞާދީގޮތުން މީގެ މަންފާއެއް ނެތް، ހަމަޖެހުމަކަށް މީގެ މަންފާއެއް ނެތް،"
ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީނުކުރެވި އުޅެނީ ކީއްވެތޯއާއި، ބައެއް ކަންކަމުގައި މަޖިލީހުގެ މެންބަރުން އާންމުންނަށް ކަންކަން ސާފުކޮށްނުދެނީ ކީއްވެތޯ އަޙްމަދު ސުވާލު އުފެއްދެވިއެވެ.