ބީއެމްއެލްއިން ބޯނަސް ހިއްސާ ދޫކޮށް، ހިއްސާ ބައި ކުރާނެ ގޮތް މިއޮތީ!

ބީއެމްއެލްގެ އޭޖީއެމްއެއްގެ ތެރެއިން: ބީއެމްއެލްއިން ހިއްސާ ބައިކުރުމަކީި، ކުޑަ އަގެއްގައި ހިއްސާ ހޯދަން އިންވެސްޓަރުންނަށް ލިބޭ ފުރުސަތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ހިއްސާގެ ބާޒާރަށް ގެންނަން ނިންމާފައިވާ މުހިންމު ބަދަލުތަކާ ބެހޭ މައުލޫމާތުތައް ހާމަކޮށްފިއެވެ. ބޭންކުން ވަނީ ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ (ސްޓޮކް ސްޕްލިޓް) މަސައްކަތްތަކެއް ފަށާފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓަކުން ފާސްކޮށްގެންނެވެ. މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ހިއްސާގެ އަގު އާންމު ރައްޔިތުންނަށް އަތްފޯރާ ފަށަކަށް ގެނައުމާއި، މާކެޓުގައި ހިއްސާގެ ލިކުއިޑިޓީ އިތުރުކުރުމެވެ.

  • ބީއެމްއެލްގެ ހިއްސާގެ ބާޒާރަށް ގެންނަ މުހިންމު ބަދަލުތަކެއް އިއުލާންކުރުން
  • ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ ޕްލޭން
  • ހިއްސާގެ އަގު ހެޔޮކޮށް އިންވެސްޓަރުންނަށް ފަސޭހަ ކުރުމުގެ އަމާޒު
  • އަހަރީ އާންމު ޖަލްސާގައި 60 ރުފިޔާގެ ޑިވިޑެންޑް ދިނުމަށް ވޯޓަށް އެހުން

ގައުމީ ބޭންކް ބީއެމްއެލްއިން 'ބޯނަސް' ހިއްސާތަކެއް ދޫކޮށް، މިހާރު ދޫކޮށްފައިވާ ހިއްސާތައް ބައިކުރަން އެ ބެންކުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ބީއެމްއެލްއިން ވަނީ އެ ބެންކުގެ ހިއްސާއަށް މައިގަނޑު ދެ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ ތެރެއިން އެއް ބަދަލަކީ، ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ނުވަތަ މި މަހުގެ 18އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމެވެ.

ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. އެއާއެކު، މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެއެވެ. އަދި އެ މީހެއްގެ ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.

ދެވަނަ ކަމަކީ ''1 އިޒް ޓު 10 ރޭޝިއޯ''އިން ހިއްސާ ބައިކުރުމެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ.

https://sun.mv/219645

އެ ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެއެވެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާއަށް ބަދަލުވާނެއެވެ.

އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަވާނެއެވެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ:

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން

އެ ބެންކުން ވަނީ، ހިއްސާ ބައިކުރުމުން ހިއްސާގެ ވެލިއު ދަށްނުވާނެކަން ފާހަގަކޮށްފައެވެ. އަދި ހިއްސާދާރުންގެ ބޭންކުގެ މިލްކިއްޔާތުގެ މިންވަރަށް ބޯނަސް ހިއްސާ ބެހުމުގެ ކުރިން ވެސް އަދި ފަހުން ވެސް އަދި ހިއްސާ ބައިކުރުމަކުން ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެފައިވެއެވެ.

ބީއެމްއެލްއިން ވަނީ، ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި އެ ބަދަލުތައް ގެނައުމަށް ހިއްސާދާރުންނަށް ވޯޓަކަށް ހުޅުވާލުމަށް ނިންމައިފައެވެ. އެއާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ވެސް ވޯޓަށް އަހާނެއެވެ.

https://sun.mv/219648

އެ ކަންކަމުގެ މަގުސަދަކީ ބޭންކުގެ ކެޕިޓަލް ވަރުގަދަކުރުމާއި، ހިއްސާގެ އަގު އަތްފޯރާފަށަށް ގެނައުމާއި، މާކެޓް ލިކުއިޑިޓީ ރަނގަޅުކުރުމުގެ އިތުރުން މުސްތަގުބަލުގެ ކުރިއެރުމަށް އެހީތެރިވުން ކަމަށް ބެންކުން ބުނެއެވެ. އަދި، މީގެ ސަބަބުން ގިނަ އިންވެސްޓަރުން ބައިވެރިވުމަށް ހިތްވަރު ލިބި، ހިއްސާގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެ، މާކެޓުގައި ބޭންކާ މެދު ދެކޭގޮތާއި ބޭންކުގެ ވެލުއޭޝަނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

ހިއްސާ ބައިކުރާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން އެކަން ފާސްކުރުމުންނެވެ. އެއަށްފަހު، ކަމާގުޅޭ ލިޔެކިޔުންތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް ހުށަހަޅާނެއެވެ. ޑިޕޮސިޓް ކޮންފަމޭޝަން ލިބި، ހިއްސާދާރުންގެ ވަކިވަކި އެކައުންޓްތަކަށް ހިއްސާ ޖަމާވުމުން، ބޭންކުގެ ހިއްސާ ލިސްޓުކުރެވި، މުއާމަލާތްކުރަން ފެށިފައިވާކަން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ މުޅި މަރުހަލާ ނިންމުމަށް އަމާޒުކޮށްފައި ވަނީ، އަހަރީ އާންމު ޖަލްސާއިން ފާސްކުރާ ތާރީޚުން ފެށިގެން ގިނަވެގެން ސަރުކާރު ބަންދުނޫން 21 ދުވަހުގެ ތެރޭގައި ކަމަށް އެ ބެންކުން ހާމަކޮށްފައިވެއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއްސާ ބައިކުރުމަށް ފަހު ބޯނަސް ހިއްސާގެ އަގަށް އަންނާނެ ބަދަލަށް ބަލާއިރު، މިހާރު ހިއްސާއެއްގެ ބުކް ވެލިއު އަކީ 3047.7 ރުފިޔާއެވެ. އެގޮތުން އެއް ހިއްސާ އޮންނަ މީހަކަށް ބޯނަސް ހިއްސާ ދޫކުރުމުން ޖުމްލަ ތިން ހިއްސާ އެ މީހަކަށް ލިބެނެއެވެ. އެއާއެކު ކޮންމެ ހިއްސާއެއްގެ ބުކް ވެލިއު 1015.9 ރުފިޔާއަށް ކުޑަވާނެއެވެ.

ދެވަނަ މަރުހަލާގައި ހިއްސާ ބައިކުރުމުން، ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބައިކުރެވޭނެއެވެ. އަދި ހިއްސާ ބައިކުރުމަށް ފަހު ޖުމްލަ ހިއްސާ، 30އަށް ބަދަލުވާނެއެވެ. އެއާއެކު، ކޮންމެ ހިއްސާއެއްގެ ބުކް ވެލިއު 101.59 ރުފިޔާއަށް ކުޑަވާނެއެވެ.

އެ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތު، ބޭންކުން މުއާމަލާތްކުރާ ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސަދާރުންނަށް ފޯރުކޮށްދެމުންދާނެއެވެ.

މީގެ އިތުރުން ބޭންކުގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓަށް މެއިލް [email protected] ކޮށްގެންނާއި 3330192 / 3330195 ނަންބަރަށް ގުޅައިގެން ހިއްސާދާރުންނަށް މައުލޫމާތު ހޯދޭނެ ކަމަށް ބެންކުން ބުންޏެވެ.

comment ކޮމެންޓް