ސެމްސަންގުން އަލަށް ބާޒާރަށް ނެރުނު ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކާއެކު، ފޯނުގެ ކެމެރާ ކޮމްޕިއުޓަރުގެ ވެބްކެމެއްގެ ގޮތުގައި ބޭނުންކުރެވޭ ފީޗާއެއް އެކުންފުނިން ތައާރަފުކޮށްފިއެވެ.
މިއީ ގިނަ ބަޔަކު އެމީހުންގެ އަތުގައި އޮތް އެންމެ ފެންވަރު ރަނގަޅު ކެމެރާ، އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ.
އާންމުކޮށް ލެޕްޓޮޕްތަކާއި މޮނިޓަރުތަކުގައި ހުންނަ ވެބްކެމްތަކަކީ ފެންވަރުގެ ގޮތުން ދަށް ކެމެރާތަކަކަށް ވީނަމަވެސް، ސެމްސަންގްގެ މި އައު ބަދަލާއެކު އެކަމަށް ހައްލެއް ލިބިގެންދާނެއެވެ.
މީގެ ކުރިން ތިންވަނަ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މިކަން ކުރަން ޖެހުނު ނަމަވެސް، އެންޑްރޮއިޑް 14 އާއެކު ގޫގުލްއިން ތައާރަފުކުރި "ނޭޓިވް ވެބްކެމް މޯޑް" މިހާރު މިވަނީ ސެމްސަންގް ގެލެކްސީ އެސް26 ފޯނުތަކަށް ގެނެސްދީފައެވެ.

މި ޚިދުމަތް ބޭނުންކުރުމަށްޓަކައި ޔޫ.އެސް.ބީ ކޭބަލެއް މެދުވެރިކޮށް ފޯނާއި ކޮމްޕިއުޓަރު ގުޅާލުމުން، ފޯނު ވެބްކެމެއްގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު ސްކްރީނުން ފެންނާނެއެވެ.
މީގެ އިތުރުން، އެންމެ ފުރިހަމަ ފެންވަރުގައި ވީޑިއޯ ފޯރުކޮށްދޭ "ހައި ކޮލިޓީ މޯޑް" ވެސް މި ފީޗާގެ ތެރޭގައި ހިމެނެއެވެ.
މީގެ ކުރިން ސެމްސަންގް ފޯނުތަކުގެ ކެމެރާ ހިއްސާކުރެވެނީ ހަމައެކަނި އެކުންފުނީގެ އެހެނިހެން ޓެބްލެޓް ފަދަ ވަސީލަތްތަކަށެވެ. ނަމަވެސް، މި އައު ނޭޓިވް ހައްލަކީ މާ ފަސޭހަ އަދި ކޮންމެ ކޮމްޕިއުޓަރަކާއެކުވެސް ބޭނުންކުރެވޭނެ ފަދަ ލުއި ގޮތެކެވެ.
އުއްމީދު ކުރެވެނީ ކުރިއަށް އޮތް ތަނުގައި ސޮފްޓްވެއާ އަޕްޑޭޓްތަކެއް މެދުވެރިކޮށް ސެމްސަންގްގެ ކުރީގެ ފޯނުތަކަށްވެސް މި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
މި ފީޗާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ގޫގުލްގެ އަމިއްލަ "ޕިކްސެލް" ފޯނުތަކުންނެވެ. ސެމްސަންގުން މީގެ ކުރިން އެކުންފުނީގެ ވަސީލަތްތަކުގެ މެދުގައި "ކެމެރާ ޝެއަރިންގް" ފޯރުކޮށްދިން ނަމަވެސް، އެންޑްރޮއިޑްގެ މި ފަސޭހަ ނިޒާމު އެކުންފުނީގެ ފޯނުތަކަށް މި ތައާރަފުކުރީ ގެލެކްސީ އެސް26 ސީރީޒާ އެކުގައެވެ.
މިއީ ވީޑިއޯ ކޯލްތަކާއި އޮންލައިން ބައްދަލުވުންތަކުގައި ލެޕްޓޮޕްގެ އާދައިގެ ކެމެރާގެ ބަދަލުގައި ފޯނުގެ މަތީ ފެންވަރުގެ ކެމެރާ ބޭނުންކުރުމަށް ހުޅުވިގެންދިޔަ ބޮޑު ދޮރެކެވެ.